ކަންނެލި މަސްވެރިކަން ތަރައްގީކުރުމަށް ހުޅުމާލެއިން ކަނޑައަޅާފައިވާ ބިން، އެޗްޑީސީން ފިޝަރީޒް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.
ބިން ހަވާލުކުރުމަށް މިއަދު އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ޝިޔާމްއެވެ.
އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ތެރެއިން، ކަންނެލިމަސްވެރިކަން ތަރައްގީކުރުމުގެ ހިމެނޭ މުހިންމު ވައުދުފުޅެކެވެ.
އެޗްޑީސީން ބުނީ އެ އެއްބަސްވުމުގެ ދަށުން، ހުޅުމާލޭގައި މަސް ބަންދު ކުރާ ފެސިލިޓީއެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ އެއްބަސްވުމަކީ ދިވެހި މަސްވެރިންނަށް އެކަށޭނަ އަގުތަކެއް ހޯދައިދިނުމާއި، ކަންނެލި މަސްވެރިކަމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފެށިގެންދާނެ މަސައްކަތެއް ކަމަށް އެޗްޑީސީން ބުންޏެވެ.
އިސްލާމިކް ޑިވެލޮޕްމަންޓް ބެންކް (އައިއެސްޑީބީ) ފަންޑުގެ ދަށުން ގާއިމުކުރާ އެ ފެސިލިޓީގައި، ކަންނެލި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މަސް ޕެކޭޖްކުރުމާއި، އެ ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ނިންމައިފައެވެ.
އެޗްޑީސީން ބުނީ ރައްޔިތުންގެ ލާބަ އާއި މަންފާއަށް ކުރެވޭ އެފަދަ ކަންކަމުގައި އެ ކުންފުނީގެ ފަރާތުން އަބަދުވެސް ސަރުކާރަށް އެއްބާރުލުން ދެމުންގެންދާނެ ކަމަށެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް