ފަލަސްތީނުގެ ހުޅަނގު އައްސޭރީ (ވެސްޓް ބޭންކު)ގެ މައްޗަށް އިޒްރޭލުގެ ސިޔާދަތީ ބާރު ގާއިމުކުރުމަށް އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރަން މަސައްކަތް ފަށައިފައިވާ ގާނޫނުތަކުގެ މަގުސަދަކީ ސުލްހައިގެ އުންމީދަށް ބުރޫ އެރުވުންކަމަށް ރާއްޖެއިން ބުނެފިއެވެ.

އިޒްރޭލުގެ ސަރުކާރުގެ ފަރާތުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި އެ ބިލަށް އިބްތިދާއީ ހުއްދަ ދިނުމަށް ގާނޫނު ހަދާ މަޖިލީހުން ވަނީ ނިންމައިފައެވެ.

އެކަން ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ގާނޫނުތަކުގެ މަގުސަދަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ މައްޗަށް ސިޔާސީ ބާރު ހިންގުމާއި، ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ހުޅަނގު އައްސޭރީގައި ވަޒަންވެރިފައިވާ އިޒްރޭލުގެ މީހުންގެ ސިޔާދަތު ގާއިމުކުރުން ކަމަށެވެ.

ރާއްޖެއިން ބުނީ އެއީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމެއްގެ އިތުރުން އެއީ ނުރައްކާތެރި އަދި ހައްދުފަހަނައަޅައި ދިއުމުގެ އަމަލެއް ކަމަށެވެ. އިޒްރޭލުގެ ގާނޫނާހަދާ މަޖިލީހުގެ އެ ނިންމުމުގެ ސަބަބުން އެ ސަރަހައްދުން ހަމަޖެހުން ގާއިމުކޮށް، ސުލްހަމަސަލަސްކަން ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތަށާއި އެ މަސައްކަތުގެ އުންމީދުތަކަށް ބުރޫއަރާނެކަމަށް ރާއްޖެއިން ބުންޏެވެ.

އެހެންވެ ރާއްޖެއިން ގޮވާލަނީ އިޒްރޭލުގެ އެެ އަމަލު ހުއްޓާލުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށްކަމަށް ރާއްޖެއިން ބުންޏެވެ.

އިޒްރޭލުން، ފަލަސްތީނުގައި ހިންގާފައިވާ ގާނޫނާ ހިލާފު ހުރިހައި ކަންކަމަށް އެ ގައުމު ޖަވާބުދާރީކުރުވައި ޒިންމާކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާކަމަށް ރާއްޖެއިން ބުންޏެވެ.

އިޒްރޭލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ނިމުމެއް ގެނެވެން އޮތީ 1967 ވަނަ އަހަރުގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަން ކުރާ ރަށް ކަމަށް ކަނޑައަޅައި، އިޒްރޭލުގެ އަތްދަށުން ފަލަސްތީނު މިނިވަންކޮށް، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ގައުމަކަށް ހަދައިގެންކަމަށް ރާއްޖެއިން ބުންޏެވެ.