ސްޓެލްކޯ އިން ހިދުމަތް ދޭ ރަށްރަށުގައި 74،000 އަށްވުރެ ގިނަ ގަސް އިންދައިފިއެވެ.

ސްޓެލްކޯ އިން ވަނީ ސަރުކާރުގެ "ފަސް އަހަރުން ފަސް މިލިއަން ގަސް" ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމަށް ހާއްސަ ހަރަކާތެއް ފަށައިފައެވެ.

ސްޓެލްކޯއިން މިއަދު ބުނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނިން ހިދުމަތް ދޭ ރަށްރަށުގައި ޖުމުލަ 74،282 ގަސް އިންދާފައިވާ ކަމަށެވެ.

ސްޓެލްކޯއިން މީގެކުރިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ކޮންމެ މަހަކުވެސް 9،200 ގަސް އިންދުމެވެ.

މާލެ ސަރަހައްދުގެ އިތުރުން ސްޓެލްކޯއިން 30 ރަށަކަށް ހިދުމަތް ދެއެވެ.

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ މަނިކުފާނު ވިދާޅުވެފައިވަނީ އަމާޒަކީ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުން ކަމަށެވެ.

ސަރުކާރުން ވަނީ ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއްވެސް ފަށައިފައެެވެ. ސްޓެލްކޯއަކީ އެ ޕްރޮގްރާމުގެ ވަރަށް ބޮޑު ބައިވެރިއެކެވެ.