ފެނަކަ ކޯޕަރޭޝަނާ ދެކޮޅަށް އެކި ފަރާތްތަކުން ހުށަހަޅާފައިވާ 60 އައްވުރެ ގިނަ މައްސަލަ ކޯޓުތަކުގައި ކުރިއަށްދާ ކަމަށް އެކުންފުނިން ބުނެފި އެވެ.
ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފެނަކައިގެ އިސް ބޭފުޅުން މިއަދު ވަނީ ހާޒިރުކޮށްފައެވެ.
އެ ގޮތުން އެ ރިޕޯޓްގައިވާ ކަންތައްތަކާ ގުޅިގެން ކޮމިޓީ މެންބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން އެ ކުންފުނީގެ ޗީފް ކޯޕަރޭޓް އޮފިސަރު ކުލްޝޫމް އަލީ ވިދާޅުވީ، ކޯޓުތަކުގައި ފެނަކައިގެ މައްޗަށް ކޮށްފައިވާ 60 އަށްވުރެ ގިނަ ދައުވާ ކުރިއަށްދާ ކަމަށެވެ.
އޭނާ ވިދާޅުވީ، ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވާ ކަންތައްތަކާ ގުޅިގެން، ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތްވެސް ކުންފުނިން ކުރިއަށް ގެންދާ ކަމަށެވެ.
އެގޮތުން ކުންފުނީގެ ލީގަލް ޑިޕާޓްމެންޓުން ހާއްސަ ދިރާސާތަކެއް ކުރަމުން އަންނަ ކަމަށާއި، ފެނަކައިން ކޯޓަށް ހުށަހަޅަން ޖެހޭ މައްސަލަތައް އެ ދިރާސާއަށްފަހު އެނގިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ފެނަކައާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ވަކާލާތު ކުރުމަށް، އިތުރު ހެކިތަކާއި އިތުރު ކަންކަން އޭގެ ތެެރެއިން ފާހަގަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކުލްޝޫމް ވިދާޅުވީ، ފެނަކައާ ދެކޮޅަށް ކޯޓުތަކުގައި ކުރިއަށްދާ ގިނަ މައްސަލަތަކަކީ އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކުން ފެނަކައަށް މުދަލާއި ހިދުމަތް ހޯދުމަށްފަހު ފެނަކައިގެ ކުރީގެ މެނޭޖްމަންޓުން، ފައިސާ ނުދައްކާ ހުރި މައްސަލަތައް ކަމަށެވެ.
އިބްރާހިމް ޒަކީ
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން