ރާއްޖޭގެ ދެ ވަނަ ޒަމާނީ ވަގުފު ބިނާ (ދާރުލްއަރްގްމް)ގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގެ ތެރޭގައި ސޮއިކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދާރުލްއަރްގްމްގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރާނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ.

"މި ތަނުން އަހަރަކު ދިހަ މިލިއަން އިސްލާމިކް ވަގުފު ފަންޑަށް ލިބޭނެ. އިންޝާ ﷲ" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގައި ވަގުފުގެ ދެ އިމާރާތް ހަދަން ނިންމައި އެކަން އިއުލާނު ކުރެއްވީ، މިދިޔަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު ބޭއްވި ކީރިތި ގުރްއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރާއްޖޭގައި މި ވަގުތު ހުރީ އެންމެ ވަގްފު އިމާރާތެކެވެ. އެއީ މާލޭގައި ހުންނަ ދާރުލްއީމާނެވެ. މާފަންނު މަދަރުސާ ޖެހިގެން އޮންނަ ހުސް ބިމުގައި އިމާރާތްކޮށްފައިވާ 10 ބުރީގެ އެ އިމާރާތް ރަސްމީކޮށް ހުޅުވީ 13 ޖެނުއަރީ 2017 ގައެވެ. އެ އިމާރާތުން މިހާރުވެސް އަހަރަކު ހަ މިލިއަން ރުފިޔާ މިސްކިތް ފަންޑަށް ލިބޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.