ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީލޯޑް ކުންފުނީގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ބީއެމްއެލް އަށް ދީފައިވާ ހުއްދަ ހައި ކޯޓުން ބާތިލްކޮށްފިއެވެ.

ހެވީ ލޯޑްގެ ތިން ރަށެއް ވިއްކާލަން ބޭންކަށް ހުއްދަ ދިނީ ބޭންކުން ނެގި ލޯނެއް ނުދެއްކި މައްސަލައިގައެވެ.

އެ މައްސަލައިގައި ބުނަނީ، އެ ކުންފުންޏަށް ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރި 11 މިލިއަން ޑޮލަރުގެ ލޯނެއް ނުދެއްކުމުން އެ ކުންފުނީގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ހުއްދަ ދިނީ ކަމަށެވެ.

އެ ހުއްދައާ އެކު ބީއެމްއެލްއިން އެ ތިން ރަށް ވިއްކާލުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިއުލާންވެސް ކުރިއެވެ.

ނަމަވެސް ސިވިލް ކޯޓުން ދީފައިވާ ހުއްދަ ބާތިލުކުރަން ހެވީލޯޑުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފުކުރިއެވެ. އަދި އެ މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން ރަށްތައް ވިއްކާލުން މަޑުޖައްސާލަން އަމުރަކަށްވެސް އެދުނެވެ. އެކަމާ ގުޅިގެން ހައިކޯޓުން ވަގުތީ އަމުރެއް ވެސް ނެރުނެވެ.

މި މައްސަލައިގައި ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ރަށްތައް ވިއްކާލުމުގެ ހުއްދަ ދިނުމުގައި ސިވިލް ކޯޓުން އެ ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދާ ހިލާފުވެފައިވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ހުކުމުގައި ވަނީ ވިއްކާލުމުގެ ހުއްދަ ދިނުމުގައި އަގު ކަނޑައަޅާފައިވަނީ ހަމައެކަނި ބީއެމްއެލް އިން ހުށަހެޅި އަގަށް ބަލައިގެން ކަމަށްވާތީއެވެ.

އެ މައްސަލައިގައި ރަހުނުގެ އަގު ހެވީލޯޑުން އަދި ބޭންކުން ވެސް ކޯޓަށް ހުށަހެޅިއިރު، އެ ދެ އަގުގައި ބޮޑު ފަރަގެއް ހުއްޓެވެ. ނަމަވެސް، ޝަރުއީ އަގު ކޮމިޓީގެ މަސައްކަތް ނުފެށި ލަސްވެ ދެ އަހަރާއި ހަތް މަސް ފާއިތުވެފައިވާތީ ސިވިލް ކޯޓުން ނިންމީ އެއީ ބޭންކަށް ލިބޭ ގެއްލުމެއްގެ ގޮތުގަ އެވެ.

އެހެންވެ، ބޭންކުން ހުށަހެޅި އަގަށް ރިއާޔަތްކޮށް ރަހުނު ވިއްކާލުމުގެ ހުއްދަ ދޭން ސިވިލް ކޯޓުން ނިންމާފައިވީ ނަމަވެސް، ހައި ކޯޓުގެ ހުކުމުގައިވަނީ ހަސްމުންގެ އެއްވެސް އިހުމާލެއް ނެތި، ޝަރުއީ އަގު ކޮމިޓީން މުދާ އަގުކުރުމުގައި ލަސްތަކެއްވާ ނަމަ، ކޯޓުން ކުރަން ޖެހޭ ކަމަކީ އެ މަސައްކަތް އަވަސް ކުރުވުން ކަމަށެވެ.

ބީއެމްއެލްއިން ވިއްކާލަން އޭރު އިއުލާން ކޮށްފައިވަނީ ލ. ފަރެސް އައިލެންޑާއި ކުޑަ ފަރެސް އައިލެންޑް އަދި ބޮޑުހުރާ އައިލެންޑެވެ. އޭގެ ތެރެއިން ފަރެސް އަދި ކުޑަފަރެހަކީ ރަހާ ރިސޯޓް ހިންގަމުން އަންނަ ދެ ރަށެވެ. އަދި ބޮޑުހުރާއަކީ ދަނޑުވެރި ކަމަށް ދޫކޮށްފައި އޮންނަ ރަށެކެވެ.

އެ ރަށްރަށުގެ ހެޑް ލީޒް ހަމަވަނީ 2064 ވަނަ އަހަރު އެވެ.