އެއާލައިންތަކުގެ ސޭލްސް އެޖެންޓުކަމުގެ ހުއްދަ ހަމައެކަނި 100 ޕަސެންޓް ދިވެހި ކުންފުނިތަކަށް ދޭ ގޮތަށް ބަދަލުކުރާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އަމީން އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން އެކަމާ ގުޅޭ ގަވައިދުތައް ވަރަށް އަވަހަށް ގެޒެޓްކުރާނެ ކަމަށެވެ.

އަމީން ވިދާޅުވީ މިއީ ކުންފުނިތަކުން ވަރަށް ކުރީއްސުރެ އެދެމުން އައި ބަދަލެއް ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގަވައިދުތައް ގެޒެޓް ކުރާނެ ދުވަހެއް އަމީން ވިދާޅެއްނުވެއެވެ.

"ސިވިލް އޭވިއޭޝަން އޮތޯރިޓީން މިކަމާ ބެހޭ ގަވާއިދުތައް ވަރަށް އަވަހަށް ގެޒެޓްކުރާނެ" އަމީން ވިދާޅުވިއެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މިނިސްޓްރީން ކުރަމުން އަންނަ މަަސައްކަތެއް ކަމަށްވެސް އަމީން ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އެ ގަވައިދު ގެޒެޓުކޮށް އެއަށް އަމަލުކުރަން ފެށުމުން ރާއްޖެއިން ބޭރު ކުންފުނިތަކަށް އަދި ޖޮއިންޓް ވެންޗާސް ކުންފުނިތަކަށް އެއާލައިންތަކުގެ ސޭލްސް އެޖެންޓުކަން ރާއްޖޭގައި ނުކުރެވޭނެ އެވެ.

ސީއޭއޭގެ ވެބްސައިޓުގައިވާ ގޮތުން 50 އަށްވުރެ ގިނަ ކުންފުނިތަކުން އަންނަނީ ރާއްޖޭގައި އެއާލައިންތަކުގެ ސޭލްސް އެޖެންޓުކަން ކުރަމުންނެވެ.