ރާއްޖޭގެ އެންމެ ބޮޑު ދުވުންކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)، އަންނަ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިއަހަރުގެ ދުވުމުގައި ޖުމުލަ 4،500 އަށްވުރެ ގިނަ ދުވުންތެރިން ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ބައިވެރިވެފައެވެ.

ޑީއެމްއާރްއާރް އަކީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ.

ޑީއެމްއާރްއާރްގެ ދުވުންތައް ކުރިއަށްދާނެ ގަޑިތަކަކީ:

ހާފް މެރެތަން: ދަންވަރު 2:30ގައި

10 ކިލޯމީޓަރު: ފަތިހު 5:30ގައި

5 ކިލޯމީޓަރު: ހަވީރު 4:30ގައި

އެ ދުވުން ކުރިއަށްދާ ވަގުތު، ދުވުމުގެ އިތުރުން ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފަސް ކިލޯމީޓަރު ދުވާ މަގުތަކުގައި ދުވުންތެރިންނަށް ހިތްވަރުދިނުމުގެ ގޮތުން ހާއްސަ ހަރަކާތްތަކާއި، ކާބޯތަކެތި ވިއްކާ ސްޓޯލްތަކުގެ އިތުރުން އެކި ހަރަކާތްތައް ސެންޓްރަލް ޕާކުގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން، ޑީއެމްއާރްއާރް 2025 އަކީ ވެސް ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ. އެ އިވެންޓުގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ދިރާގުން ބުނީ މިއަހަރުގެ އިވެންޓުގައި އެންޑޯޒްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާއަކަށް، އެ ފަރާތްތަކުގެ ޕްރޮގްރާމްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ޖުމުލަ 200،000 ރުފިޔާގެ ފައިސާގެ އެހީތެރިކަން ދިރާގުން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވެސް ހަމަހަމަކޮށް އެ ޖަމިއްޔާތަކަށް ހަދިޔާކުރުމަށް ވެސް ދިރާގުން ވަނީ ނިންމައިފައެވެ.

ޑީއެމްއާރްއާރްއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިރާގުން ދަނީ މީސްމީޑިއާ އެކައުންޓުތަކުން ހިއްސާކުރަމުންނެވެ. އަދި އިތުރު މައުލޫމާތު www.dmrr.mv މެދުވެރިކޮށް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.