ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2025 ގެ މެޑިކަލް ޕާޓްނަރުގެ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލް ހަމަޖައްސައިފިއެވެ.

ދިރާގު ރޯޑް ރޭހުގެ މި އަހަރުގެ ދުވުން އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ. އެއްބަސްވުމުގެ ދަށުން އެ ހަރަކާތުގައި މެޑިކަލް ހިދުމަތްތައް ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭނެއެވެ.

ދިރާގު ރޯޑު ރޭހުގައި ބައިވެރިވެ ވަނަތައް ހޯދާ ފަރާތްތަކަށް މި އަހަރު ވެސް ބޮޑެތި ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ރޭހުގެ ވަނަތަކަށް ހޮވޭ ދުވުންތެރިންނަށް ޖުމުލަ 256،000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ދިރާގު ރޯޑު ރޭހުގައި ކަނޑައަޅާފައިވާ ކެޓަގަރީތައް:

  • ހާފް މެރެތަން، 10 ކިލޯމީޓަރު
  • 5 ކިލޯމީޓަރު ކެޓެގަރީ
  • 5 ކިލޯމީޓަރު ކޯޕަރޭޓް ޓީމް ކެޓަގަރީ؛ މީގައި އޮފީސް/ރިޒޯޓުތަކުން ހަތަރު މީހުންގެ ޓީމުތައް ހަދައިގެން ބައިވެރިވެވޭނެ

ދިރާގު ރޯޑް ރޭހުގެ މި އަހަރުގެ ރޭހަކީ ވެސް ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ.

ޑީއެމްއާރްއާރްއަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުމުގެ ހަރަކާތެވެ. އެގޮތުން މިއަހަރު މި ފާހަގަކުރާ މި ރޭހުގެ 16 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ. މިއަހަރުގެ ދުވުމުގައި 4،500 އަށްވުރެ ގިނަ ބައިވެރިން ދުވުމަށް ވަނީ ހަމަޖެހިފައެވެ.