މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ބޯޑު މެންބަރުގެ މަގާމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން (ޕީސީބީ)ގެ ބޯޑުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

އެމްއޭސީއެލްގެ، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުޖުތަބާ އައްޔަންކޮށްފައިވަނީ 2024 ފެބްރުއަރީ ފަސްވަނަ ދުވަހުގައެވެ.

ޑެޕިއުޓީ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން މުޖުތަބާ ހުންނެވީ އެމްއޭސީއެލްގެ ޖެނެނަލް މެނޭޖަރު، ކޮމާޝަލް މަގާމުގައެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައިވާ ގޮތުން އެމްއޭސީއެލްގެ ބޯޑު މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ އެ ކުންފުނީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހު، މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު، މުހައްމަދު ސަހާ ވަހީދު، އިބްރާހިމް ސިޔާދު ގާސިމް، މުހައްމަދު މިހާދު، މުހައްމަދު ރިޔާޒު އަދި އިބްރާހިމް މަހުދީއެވެ.

ނަމަވެސް މުހައްމަދު ރިޔާޒަކީ އެމްއޭސީއެލްގެ ބޯޑު މެންބަރެއްކަމަށް އެ ކުންފުނީގެ ވެބްސައިޓުން ނުދައްކައެވެ.