ލ. ގަން ތުނޑީގައި އަލަށް އާބާދުވި ސަރަހައްދުގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު ރޭ ގަމަށް ވަޑައިގަތުމުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
ގަމު ތުނޑީގެ ނަރުދަމާ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން، ހައުސިން، އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
އެ ރަސްމިއްޔާތުގައި މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު، ރައްޔިތުންގެ މަޖިލީހުގެ ގަމުގެ ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮންސްޓްރަކްޝަން، ހައުސިން، އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން، ގަމު ތުނޑީ ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވަނީ 36.53 މިލިއަން ރުފިޔާއަށެވެ.
އެ މަޝްރޫއުގެ ދަށުން ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކުރުމާއި، ޕަންޕިން ލައިނާއި ސީ އައުޓް ފޯލް އެޅުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީން ކުރާނެއެވެ. އަދި ޕަންޕް ސްޓޭޝަނާއި ވޭލް ޗެމްބަރުގެ މަސައްކަތުގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީން ކުރާނެއެވެ.
ފާތިމަތު ލިއުޝާ
ލ. ގަން
ލ. ގަން
ލ. ގަން