ބޮލީވުޑްގެ މަޝްހޫރު ތަރީން ކަމަށްވާ ދީޕިކާ ޕަޑުކޯން އާއި ރަންވީރު ސިންގް، މި އަހަރުގެ ދީޕާވަލީގެ އުފާވެރި މުނާސަބަތުގައި، އެމީހުންގެ ލޯބިވާ ދަރިފުޅު، ދުއާ ޕަޑުކޯން ސިންގް ފުރަތަމަ ފަހަރަށް އާންމުކޮށް ދައްކާލައިފިއެވެ.

ދީޕިކާ އާއި ރަންވީރު ދުއާގެ ފޮޓޯ ހިއްސާކުރީ ދީޕާވަލީ ފާހަގަކުރުމުގެ ގޮތުން، އެމީހުންގެ އިންސްޓަގްރާމް އެކައުންޓްތަކުގައި ޖޮއިންޓް ޕޯސްޓެއް ހިއްސާކޮށްގެންނެވެ. މި ޕޯސްޓުގައި ދީޕާވަލީގެ ތަހުނިޔާ ކިޔުމުގެ އިތުރުން، އާއިލީ ފޮޓޯތަކެއް ހިމަނާފައިވެއެވެ.

މިއީ ދީޕިކާ އާއި ރަންވީރު ދައްކާލި ފުރަތަމަ ފަހަރެވެ. ދުއާ އުފަންވެފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. ދަރިފުޅު އުފަންވުމަށް ފަހު، މި ދެތަރީން ވަނީ މީޑިއާއަށް ދުއާގެ ފޮޓޯ އާންމު ތަންތަނުގައި ނުނެގުމަށް އެދިފައެވެ. އެމީހުންގެ އެދުމަށް މީޑިއާ ބޯލަނބާފައި ވީނަމަވެސް، ފަހުން އެއާޕޯޓެއްގައި ފޭނަކު ދުއާގެ ފޮޓޯއެއް ނެގުމަށް މަސައްކަތް ކުރުމުން، ދީޕިކާ ނުރުހުން ފާޅުކޮށްފައިވެއެވެ.

އާއިލީ މެންބަރުންނާއި ގާތް އެކުވެރީންނަށް އެކަނި ދުއާގެ ސޫރަ ފެނިފައިވާ މި ދަނޑިވަޅުގައި، ދީޕާވަލީ ފަދަ ހާއްސަ މުނާސަބަތެއްގައި އާންމުންނަށް ދަރިފުޅުގެ ސޫރަ ދައްކާލުމުން އެތައް ބަޔަކު ވަނީ އުފާފާޅުކޮށްފައެވެ.