ލ. ގަމު ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ބޭނުންވާ އާ އިމާރާތާއި އެ ރަށުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ލ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ލ. ގަމުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫއުތަކުގެ ތެރެއިން ހޮސްޕިޓަލުގެ އިމާރާތުގެ މަޝްރޫއުގައި ސަރުކާރުގެ ފަރާތުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ސޮއިކުރެއްވި އިރު، ބަނދަރު މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެ ދެ މަޝްރޫއުގައި ވެސް އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
އެ ރަސްމިއްޔާތުގައި، ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ގަމު ކައުންސިލްގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ހޮސްޕިޓަލު އިމާރާތުގެ މަޝްރޫއުގެ ދަށުން، 31,968.78 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އިމާރާތެއް ހަދާނެއެވެ. އެ މަޝްރޫއަކީ 99.93 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ޖުމުލަ 5625 މީހުންގެ އާބާދީއެއް ދިރިއުޅޭ ގަމު ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދަކީ، ރަށުން ލިބޭ ސިއްހީ ހިދުމަތް ރަނގަޅުވުމެވެ.
އެމްޓީސީސީން ބުނީ ގަމު ހޮސްޕިޓަލުގެ މަސައްކަތް ނިމުމާއެކު، ގަމު ރައްޔިތުންނަށް، ރަށުގައި ތިބެގެން ހޯދޭ ސިއްހީ ފަރުވާގެ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ފުޅާވާނެ ކަމަށާއި އެކަމުގެ ސަބަބުން، ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވެ އިޖުތިމާއީ ގޮތުން ރަށަށް ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.
ގަމުގެ ބަނދަރު މަޝްރޫއުގެ ދަށުން، ފަޅު އަދި ނެރު ފުންކުރުމާއި، 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 151 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 25 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި 145 މީޓަރުގެ ނެރު ބޭރުތޮއްޓެއް ލުމާއި، 23.50 މީޓަރުގެ މޫދު އަޑިއަށްވާ ގޮތަށް ބޭރުތޮއްޓެއް ލުމުގެ މަސައްކަތް ކުރާނެއެވެ. އެ މަޝްރޫއަކީ 34.06 މިލިއަން ރުފިޔާއަށް 525 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ގަމަކީ މަސްވެރި ރަށަކަށްވާ އިރު، ގަމުގައި އޮތް ބަނދަރުގެ ޖާގައިގެ ދަތިކަން މަސްވެރިން ދަނީ ވަރަށް ބޮޑަށް ތަހައްމަލު ކުރަމުންނެވެ. ނަމަވެސް، މިއަދު ސޮއިކުރި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު އުޅަނދުތައް އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ބަނދަރެއް ރަށު ރައްޔިތުންނަށް ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ