ލ. ގަމުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހެދުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްފިއެވެ.

ލ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ލ. ގަމުގައި މިރޭ ބޭއްވި ޖަލްސާގައި ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުއްރައްޒާގު އިބްރާހީމެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.

އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގަމުގެ ސްޕޯޓްސް ކޮމްޕްލެކްސްއަކީ ގަމުގެ ޒުވާނުންނަށް އަދި ކުޅިވަރު ކުޅޭ ފަރާތްތަކާއި ޖުމުލަކޮށް ހުރިހާ ރައްޔިތުންނަށްވެސް ސިއްހަތު ހެޔޮ ގޮތުގައި ބެހެއްޓުމަށްޓަކައި، ކުޅިވަރު ކުޅުމަށް އަދި ހަށިހެޔޮކަން ގާއިމުކުރުމަށް ވަރަށް މުހިންމު ވަސީލަތަކަށް ވާނެ ކަމަށެވެ.

"ސްޕޯޓްސް ކޮމްޕްލެކްސްގައި އިންޑޯކޮށް ކުޅެވޭ ހުރިހާ ކުޅިވަރެއް ކުޅެވޭ ގޮތަށް ހުންނާނެ. ސްޕެކްޓޭޓާ ކެޕޭސިޓީ ނޫނީވިއްޔާ ބަލަން ތިބޭ މީހުންގެ އަދަދު 1200 މީހުންނަށް ވާވަރުގެ، ވަރަށް ޒަމާނީ ވަރަށް ފުރިހަމަ ސްޕޯޓްސް ކޮމްޕްލެކްސްއެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ސްޕޯޓްސް ކޮމްޕްލެކްސް އަކީ ގަމުގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ އަދި އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާ މަޝްރޫއެއް ކަމަށެވެ.