ޔޫކޭގައި ޕިއްޒާ ހަޓްގެ 68 ރެސްޓޯރަންޓު ބަންދުކުރަން ނިންމައިފިއެވެ.

އިނގިރޭސިވިލާތުގައި ޕިއްޒާ ހަޓްގެ ވިޔަފާރި ހިންގާ ކުންފުނި އެފްޓީއައި ކޮންސަލްޓިން އިން ވަނީ އެ ގައުމުގެ އެކި ސަރަހައްދުގައި ހުރި ޕިއްޒާ ހަޓްގެ 68 ރެސްޓޯރަންޓުގެ އިތުރުން އޮންލައިން މެދުވެރިކޮށް ޑެލިވަރީ ހިދުމަތްދޭ 11 ސައިޓެއް ވެސް ދޫކޮށްލަން ނިންމާފައިވާކަމަށް ބުނެފައެވެ.

މި ތަންތަން ބަންދުކުރަނީ އެ ސަރަހައްދުގައި ވިޔަފާރި އާދަޔާ ހިލާފަށް ދަށްވެ، ބޮޑެތި ގެއްލުންތަކެއްވަމުން ދާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔޫކޭގައި 68 ރެސްޓޯރަންޓުގެ ހިދުމަތް ހުއްޓާލުމާއެކު 1210 މީހުންގެ ވަޒީފާ ގެއްލޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.

އެފްޓީއައި އިން އޮޕަރޭޓު ކުރާ ޕިއްޒާ ހަޓްގެ ރެސްޓޯރަންޓުތައް ބަންދު ކުރަން ނިންމި ނަމަވެސް ޔޫކޭގެ އެހެން ސަރަައްދުތަކުގައި ޕިއްޒާ ހަޓްގެ މައި ކުންފުނިން 64 ރެސްޓޯރަންޓަކުން ހިދުމަތް ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ޕިއްޒާ ހަޓްގެ މައި ކުންފުނި ޔަމް އިން ވަނީ އެ ކުންފުނިން ޕިއްޒާ ހަޓްގެ އޮޕަރޭޝަން އަލުން ފެށުމާއެކު 1276 ވަޒީފާ ހުޅުވާލާނެ ކަމަށާއި އެންމެ އިސްކަންދިނުމަށް ހަމަޖެހިފައިވަނީ އާންމުންނަށް މި ހިދުމަތް ވީހާ އަވަހަކަށް އަލުން ދިނުމަށް ކަމަށް ބުނެފައެވެ.