ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށްފިއެވެ.
މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރައްވާނެ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް ނިމިފައިވަނީ، ރ. ރަސްގެތީމުގައި މިއަދު ހަވީރު ފެށި ފުލުހުންގެ ހިދުމަތާއެކުއެވެ.
ލ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ލ. ގަމުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ އަސާސީ ހިދުމަތެއް ކަމަށް ސަރުކާރުން ދެކޭ ކަމަށާއި މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު، ގިނަ ރަށްރަށުގައި ފުލުހުންގެ ހިދުމަތް ނެތް ކަމަށެވެ.
މި ސަރުކާރު ފެށުނު އިރު، ފުލުހުންގެ އަމިއްލަ އިމާރާތްތައް ހުރީ ވެސް އެންމެ 17 ރަށުގައި ކަމަށާއި ނަމަވެސް މިހާރު 63 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތްތައް ހުންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޖުމުލަ 99 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އިތުރު މަޝްރޫއުތަކާއެކު މިއަހަރު ނިމޭއިރު ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް 138 ރަށެއްގައި ކުރިއަށްދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު