ލ. މާބައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މާބައިދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީއެވެ.
އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން 11,500 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 543 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 850 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އެ މަޝްރޫއަކީ 33.81 މިލިއަން ރުފިޔާއަށް 210 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ޖުމުލަ 1120 މީހުންގެ އާބާދީއެއް ދިރިއުޅޭ މާބައިދޫއަކީ ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވަމުންދާ ރަށެކެވެ. އެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ރަށް ގިރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބުމުގެ އިތުރުން، ހިމާޔަތް ކުރެވިފައިވާ ރީތި ގޮނޑުދޮށެއް މާބައިދޫ ރައްޔިތުންނަށް ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އާއިޝަތު މާހާ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ