އެކިއެކި މަޝްރޫއުތަކާއި ބިންތަކުގެ ކުލިތަކަށް ސަރުކާރުން، 10 ބިލިއަން ރުފިޔާ އަދި ވިޔަފާރިތަކުން އެއް ބިލިއަން ރުފިޔާ އެޗްޑީސީއަށް ލިބެންޖެހޭ ކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރަންޖެހޭ ކަންތައްތަކުގެ ރެކޮމެންޑޭޝަންތަކެއްް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެ ކުންފުންޏަށް ވަނީ ފޮނުވައިފައެވެ.
އެ ރެކޮމެންޑޭޝަނާ އެއްގޮތަށް ކުންފުނިން މަސައްކަތް ކުރޭތޯ ބެލުމަށްޓަކައި، މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެޗްޑީސީގެ އިސްވެރިން ވަނީ ހާޒިރުކޮށްފައެވެ.
ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ބެލުމުގައި އެޗްޑީސީން ކޮމިޓީއާ ހިއްސާ ކޮށްފައިވާ ރިޕޯޓުގައިވާ ކަންކަން ފާހަގަކުރައްވައި، އެ ކޮމިޓީގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ އަހުމަދު ނާޒިމް ވިދާޅުވީ، އެޗްޑީސީއަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާގެ ތެރޭގައި 4.3 ބިލިއަން ރުފިޔާ އާއި، ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭން ދޫކުރި ގޯތިތަކުގެ ބިމަށް އެޗްޑީސީއަށް ސަރުކާރުން ދޭން ޖެހޭ 1.7 ބިލިއަން ރުފިޔާ އާއި ހިޔާ އަދި ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކުރަން ސަރުކާރުން ނިންމުމުން އެޗްޑީސީއަށް ސަރުކާރުން ދޭން ޖެހޭ 3.9 ބިލިއަން ރުފިޔާ ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން އެޗްޑީސީގެ ކޮމާޝަލް ކަސްޓަމަރުންގެ ގޮތުގައި ތިބި 500 އަށްވުރެ ގިނަ ކަސްޓަމަރުންގެ ފަރާތުން މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ޖޫރިމަނާ ނުހިމަނައި 976 މިލިއަން ރުފިޔާ އެޗްޑީސީއަށް ލިބެންޖެހޭ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. އަދި ވިޔަފާރިތަކާއި ސޯޝަލް ހައުސިން އިން ލިބެންޖެހޭ ކުއްޔާ އކު މުޅި ޖުމުލަ 2.7 ބިލިއަން ރުފިޔާ ނުލިބިވާ ކަމަށްވެސް ނާޒިމް ހާގަ ކުރެއްވިއެވެ.
އެކަމާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ، ކުންފުންޏަށް ނުލިބިވާ ފައިސާ ހޯދުމަށް އެ ކުންފުނީގެ އުސޫލުތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ. އދި އެ މަސައްކަތް ރަނގަޅު ކުރެވިއްޖެ ނަމަ ނުލިބި ހުރި ފައިސާގެ ބޮޑު ޕަސެންޓެއް ރިކަވާ ކުރުމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ބޭންކުތަކާއި މަރުކަޒީ ބޭންކު އެމްއެމްއޭ ގުޅިގެން ވެސް އެޗްޑީސީން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދެއެވެ.
އިބްރާހިމް ޒަކީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ