ލ. މާބައިދޫ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ރަށަށް ޖަނަރޭޓަރެއް ފޯރުކޮށްދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު މާބައިދުއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ރަށަށް ދިމާވެފައިވާ ކަރަންޓު ހިދުމަތުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ފެނަކައިން އިތުރު ޖަނަރޭޓަރެއް މި ރަށަށް ގެނެސްދޭނެ. ގެނެސް މިހާރަށްވުރެ ރަނގަޅަށް ކަރަންޓު ކަންކަންވެސް ހަމަޖައްސާދޭނެ. އެހެންވީމާ އެވެސް ތަރުތީބުވެފަ އޮތްކަމެއް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މިއަންނަ އަހަރަކީ މާބައިދުގޭ ތަރައްގީއަށް މުހިންމު އަހަރަކަށް ވެގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ މާބައިދޫ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ބޭނުންވާ ބަޖެޓު މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިދޭނެ ކަމަށެވެ. ރައީސް ވިދާޅުވީ މިއަންނަ އަހަރުގެ ކުރީކޮޅު މާބައިދޫ ސިއްހީ މަރުކަޒަކީ 24 ގަޑިއިރު ހިދުމަތްދޭ މަރުކަޒަކަށް ބަދަލުވެގެންދާނެ ކަމަށެވެ.

މިއަދު މޫސުން ގޯސްވެ، ވާރޭވެހުމުގެ ސަބަބުން މާބައިދޫގެ ތަރައްގީއަށް ކުރަން ނިންމާފައިވާ ކަންކަމުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ނުބޭއްވު ނަަމަވެސް އެ މަޝްރޫއުތަކުގެ މަސައްކަތް ބާރަށް ކުރިއަށްދާނެ ކަމަށެވެ.

ފުލުހުންގެ މަރުކަޒު ހެދުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެކަމަށް އުންމީދުކުރެވޭކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު މަސައްކަތް ހުއްޓިފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތްވެސް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ވޮލީ ކޯޓު އެޅުމުގެ މަސައްކަތް މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.