ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑަރިންނަށް އެހީވެދިނުމުގެ ކުށުގެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި އެ ޖަމިއްޔާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް މަނީ ލޯންޑަރިންނާއި ހިޔާނާތުގެ ދައުވާތަކެއް ކުރިއަށްދާއިރު އޭގެ ތެރެއިން ހިޔާނާތުގެ ދައުވާއެއް ބައްސާމުގެ މައްޗަށް ވަނީ ސާބިތުވެ ޖަލަށްލުމަށް ހުކުމްކޮށްފައެވެ. ދެން އެ ހިޔާނާތާ ގުޅިގެން ދައުވާކޮށްފައިވަނީ އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި ކުރިން ހުރި ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ މަނީ ލޯންޑަރިންއަށް އެހީވެދިނުމުގެ ކުށުގެ ދައުވާއެވެ. ދެން މަނީ ލޯންޑަރިންނަށް އެހީވެދިނުމުގެ ދައުވާކުރަނީ ހަސަން ވަހީދު ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.

ކުރިމިނަލް ކޯޓުގައި ބައްސާމާއި އަގީލުގެ މައްޗަށްކުރާ ދައުވާތަކުގެ އަޑުއެހުންތައް ކުރިއަށްދާއިރު، އެ ކޯޓުންވަނީ އަމީން ކޮންސްޓްރަކްޝަނަށް ކުރާ ދައުވާތައް މަޑުޖައްސާލައިފައެވެ. ކުރިމިނަލް ކޯޓުން އަމީން ކޮންސްޓްރަކްޝަންގެ ބައި މަޑުޖައްސާލީ ކުންފުންޏަކަށް ކުރާ ދައުވާއެއް އޮވެފައި ވަކިވަކި ފަރުދުންނަށް ކުރާ ދައުވާތަކެއް އޮތުމުން މައްސަލަ ކުރިއަށް ގެންދާނެ ގޮތް ދިރާސާކުރުމުގެ ބޭނުމުގައެވެ. އަމީން ކޮންސްޓްރަކްޝަން ބައި މަޑުޖައްސާލީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެެވެ.

ނަމަވެސް މިއަދު ކުރިމިނަލް ކޯޓުންވަނީ އަމީން ކޮންސްޓްރަކްޝަނަށް ކުރާ ދައުވާގެ ޝަރީއަތް ތަވާލުކޮށްފައެވެ. މިއަދުގެ އަޑުއެހުމުގައި މި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ނިންމެވީ އަމީން ކޮންސްޓްރަކްޝަނަށް ކުރާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދިޔުމަށެވެ.

ގާޒީ އެގޮތަށް ނިންމެވީ މަދަނީ މިންގަނޑުން ހެކި ވަޒަން ކުރުމަށްފަހުގައެވެ. ގާޒީ ވަނީ މި މައްސަލައާ ގުޅިގެން ދައުވާކޮށްފައިވާ މީހުންގެ ޝަރީއަތްތައް ވަކިވަކިން ބޭއްވުމުގެ ބަދަލުގައި އެއްކޮށް ކުރިއަށް ގެންދާ ގޮތަށް ނިންމަވައިފައެވެ.

ދައުވާ ކުރިއަށް ގެންދެވޭނެކަމަށް ޝަރީއަތުން ނިންމުމުން އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުން އަމީން ކޮންސްޓްރަކްޝަން، ބައްސާމް އަދި އަގީލުގެ މައްޗަށް މި މައްސަލައިގައި ދައުވާކުރަން ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުގައެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ އެފްއޭއެމަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ، އެސޯސިއޭޝަަނަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެ ފަރާތްތަކަށް މަނީ ލޯންޑާ ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުވާކޮށްފައި ވަނީ، އަމީން އެވެނިއުން އެޕާޓްމަންޓެއް ގަތުމަށް ބައްސާމް ސޮއިކޮށް، އެތަނުގެ ބަޖެޓުން އެއް މިލިއަން ޑޮލަރު ނެގޭގޮތަށް ފޮނުވި ޗެކް ގަބޫލުކުރި މައްސަލައިގައިކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ އެ ޗެކު އަމީން ކޮންސްޓްރަކްޝަން އިން ބަަލައިގެންފައި ވަނީ، އެ ފައިސާ އަކީ 14 އޭޕްރީލް 2021 ވަނަ ދުވަހު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާ ކުރި އެ އެސޯއިއޭޝަންގެ 1.9 މިލިޔަން ޑޮލަރުކަން އެނގި ހުރެ ކަމަށެވެ.

އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ބަޔާންކޮށް، ބޭންކް އޮފް ސިލޯނަށް ސިޓީ ފޮނުވައި، 14 އޭޕްރީލް 2021 ދުވަހު އަމީން ކޮންސްޓްރަކްޝަންގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް، އެ ފައިސާއަށް ވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް އަނބުރާ ދެއްކުމަކާ ނުލައި، އެ ފައިސާއަށް ވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ނަގުދު ފައިސާއިން ދީފައިވާކަން ދެއްކުމުގެ ގޮތުން އަމީން ކޮންސްޓްރަކްޝަންގެ ނަމުގައި ކޭޝް ވައުޗަރުތަކެއް ތައްޔާރުކޮށް، މަނީ ލޯންޑާ ކުރުމަށް އަމީން ކޮންސްޓްރަކްޝަނުން ބައްސާމަށް އެހީތެރިވެދީފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އެކަމުގެ ސަބަބުން އެފްއޭއެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ އެއްމިލިއަން ޑޮލަރު އަމީން ކޮންސްޓްރަކްޝަނުން ނަގައިދިނުމަށާއި އެ ކުންފުނީގެ މި އަމަލުގެ ސަބަބުން، ބައްސާމު ހޯދައި ލިބިގަނެ ބޭނުން ކުރަމުން ގެންދިޔަ އަމީން ކޮންސްޓްރަކްޝަންގެ ދެ އެޕާޓްމަންޓް ދައުލަތަށް ނަގައިދިނުމަށް ދައުވާގައި ޕީޖީ އޮފީހުންވަނީ އެދިފައެވެ.

މި މައްސަލައިގައި އަގީލްގެ މައްޗަށް ދައުވާ ކުރަނީ، އެޕާޓްމަންޓް ގަތުމަށް އަމީން ކޮންސްޓްރަކްޝަނުގެ އެކައުންޓަށް ބައްސާމް ޖަމާކުރި އެއްމިލިއަން ޑޮލަރަކީ، ޑޮލަރު ވިއްކުމުގެ މުއާމަލާތެއް ކަމުގައި ދެއްކުމުގެ ގޮތުން، އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ލިބިފައި ނުވަނީސް، 15.4 މިލިޔަން ރުފިޔާ ލިބުނު ކަމަށް ސްޓޭމްޕް ޖަހައި ސޮއިކޮށް އެ ލިޔުން ތައްޔާރުކޮށްފައިވާތީއެވެ. އަދި އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން، އަމީން އެވެނިއުގެ އެޕާޓްމަންޓް ހޯދައި ލިބިގަތުމަށާއި މަނީ ލޯންޑާ ކުރުމަށް ބައްސާމަށް އެހީތެރިވެދީފައިވާތީއެވެ.

ހަސަން ވަހީދުގެ މައްޗަށް ދައުވާކޮށްފައި ވަނީ، އަމީން އެވެނިއުގެ އެޕާޓްމަންޓް ގަތުމަށް އަމީން ކޮންސްޓްރަކްޝަނަށް އެފްއޭއެމްގެ އެކައުންޓުން އެތަނުގެ ޗެކެއް މެދުވެރިކޮށް އެއް މިލިޔަން ޑޮލަރު ދޫކުރުމުގެ ކަންކަން އިންތިޒާމްކޮށް، އެ ފައިސާއަށްވާ 1.5 މިލިއަން ރުފިޔާ އެފްއޭއެމަށް ދެއްކުމުގެ ގޮތުން ޗެކްމާކް ކުންފުންޏާއި އައިއެސް އެންޓާޕްރައިޒަސްއިން ދޫކުރި ޗެކުތަކުގައިވާ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް ބޭންކް އޮފް ސިލޯނަށް އިރުޝާދު ދީ، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް އެހީތެރިވެދީފައިވާތީއެވެ.

އޭގެ އިތުރުން އެފްއޭއެމްގެ އެކައުންޓުގެ ޗެކު މެދުވެރިކޮށް ޕްރޯ ސިނާޖީ މެޑިކަލް ސިސްޓަމްސް އަށް އެއް ލައްކަ ޑޮލަރު ދޫކުރުމުގެ ކަންކަން އިންތިޒާމްކޮށް، ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް ބޭންކް އޮފް ސިލޯނަށް އިރުޝާދު ދީ، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް އެހީތެރިވެދީ، އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އަމީން އެވެނިއުގެ އެޕާޓްމަންޓް ހޯދައި ލިބިގަތުމަށާއި މަނީ ލޯންޑާ ކުރަން ބައްސާމަށް އެހީތެރިވެދީފައިވާތީ ވެސް ދައުވާ ކޮށްފައިވެއެވެ.