ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ލ. ހުޅިމެންދޫގައި ހަދާ ރިސޯޓާއި ހޮޓެލް ސްކޫލްގެ އެއްބަސްވުމެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ އެކު މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު މާމެންދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވި ޖަލްސާގަ އެވެ.
އެމްްއޭސީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ރަހީމާ އަބްދުއްރަހީމެވެ.
ހުޅިމެންދޫގައި ރިސޯޓެއްގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ތަމްރީންކޮށް ކިޔަވައިދޭން ޓްރެއިނިން ސްކޫލެއް ހަދަން އެމްއެންޔޫއާ ހަވާލުކުރީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ދިހަ ވަނަ ދުވަހު އެވެ.
މާމެންދޫ ޖަލްސާގައި ރައީސް ވިދާޅުވީ، ހުޅިމެންދޫގައި ހަދާނީ ފަސް ތަރީގެ ރިސޯޓެއް ކަމަށެވެ. އަދި ޓްރެއިނިން ސެންޓަރަކީވެސް ހޮސްޕިޓަލިޓީ ދާއިރާއިން އެންމެ މަތީ ފެންވަރުގެ ތަމްރީނުތައް ދެވޭ ތަނަކަށްވާނެ ކަމަށާއި އެ މަޝްރޫއު ހަވާލުކުރީ ރިޔާސީ ވައުދު ފުއްދުމުގެ ގޮތުން ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ މަޝްރޫއުގެ ސަބަބުން އެ ރަށާއި އެ އަތޮޅާއި މުޅި ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ފައިދާކުރާނެ ކަމަށެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު