ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު، ބޭރުގެ ހޮސްޕިޓަލްތަކަށް އާސަންދައިން 1.6 ބިލިޔަން، އަދި އެންސްޕާއިން 1.4 ބިލިޔަން ރުފިޔާގެ ދަރަނި ވާރުތަވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ލޭ ހޯދުމަށް ނުހަނު ދަތިވާކަން ފާހަގަކޮށް، އެ މައްސަލަ ހައްލުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް ހުށަހަޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

މި ބަހުސްގައި ޝުޖާ ވިދާޅުވީ، އާސަންދަ އާއި އެންސްޕާގެ އެތެރޭގެ ދަރަނި 400 މިލިއަން އަރާފައި އޮތް ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެކަންކަން ހައްލު ކުރައްވަމުން ގެންދަވާ ކަމަށްވެސް ޝުޖާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދު ފަހުރުވެރިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ކަންކަން ހައްލު ކުރުމުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވައިގެން މިހާރު ކުރައްވާކަމަކީ އާސަންދަ އެންސްޕާ ތެރެ ހައްލު ކުރުމުގެ މަސައްކަތް، އެކަމުގެ ހެޔޮ ބަދަލު ފެންނަމުންދާ ވާހަކަ މިތާނގެ އެމްޑީޕީ މެންބަރުން ވެސް އެބަ ގަބޫލުފުޅު ކުރައްވާ،" ޝުޖާ ވިދާޅުވިއެވެ.

ހަމަޖެހޭ ފުރިހަމަ ނިޒާމެއްގެ ތެރެއިން އާސަންދަ އާއި އެންސްޕާގެ ހިދުމަތް ދެވޭނެ އިންތިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށްވެސް ޝުޖާ ފާހަގަ ކުރެއްވިއެވެ.

"އޮޅިފައި އޮތް ކަންވާރުގަނޑެއްހެން އޮޅުވާލާފައި އޮތް ނިޒާމެއް ހައްލު ކުރުމުގެ ދަތިތައް ހުންނާނެ އެހެންނަމަވެސް އޭގަ ހުރި ދަތިތަކަކީ ކޮބައިކަން ދެނެގަނެ އެކަން ހައްލު ކުރުމުގެ މަސައްކަތް ރައީސް މުއިއްޒުގެ ސަރުކާރުން ކުރަމުންދާކަން އަޅުގަނޑުމެން އުފަލާއެކު ދަންނަވައިލަން،" ޝުޖާ ވިދާޅުވިއެވެ.