ސިއްހީ ހާލަތު ހުހިގޮތުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މިއަދުގެ ޖަލްސާގައި ކުރަން ހަމަޖެހިފައިވާ ސުވާލަށް ޖަވާބުދެއްވަން މިނިސްޓަރު އޮފް ހަޔާ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު މިއަދު މަޖިލީހަށް ވަޑައެއްނުގެންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބ. ކިހާދޫގައި ހިންގަމުން އައި 'ޓިވެޓް' ޓްރެއިނިން ސެންޓަރުގެ މައްސަލައިގައި މިނިސްޓަރާ ސުވާލުކުރަން ހުށަހަޅުއްވާވައިވަނީ އިދިކޮޅު އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.

މައުރޫފް ޒާކިރު މިނިސްޓަރާ ސުވާލު ކުރައްވަން ހުށަހަޅުއްވާފައިވަނީ ކިހާދޫ "ޓިވެޓް" ޓްރެއިނިން ސެންޓަރުގެ މަސައްކަތް ހުއްޓިފައިވާ މައްސަލައިގައެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު، ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ގާނޫނުގައިވާގޮތުގެ މަތިން ސުވާލުގެ ނޯޓިސް މިނިސްޓަރު ހައިދަރަށް ރައްދުކޮށްފައި ވަނިކޮށް ރޭގެ ވަގުތެއްގައި މިނިސްޓަރު ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

މިނިސްޓަރުގެ ސިއްހީ ހާލަތު ހުރިގޮތުން މިއަދުގެ ޖަލްސާގައި ކުރަން ހަަމަޖެހިފައިވާ ސުވާލަށް ޖަވާބު ދެއްވަން ވަޑައިގެންނެވެން ނެތްކަަމަށް އެ ސިޓީގައި މިނިސްޓަރު ވިދާޅުވެފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

އެހެންކަމުން ނާޒިމް ވިދާޅުވީ މަޖިލީހަށް އެޖެންޑާ ކުރެެވެން އޮތް އެންމެ އަވަހަކަށް އެ ސުވާލު ކުރަން އެޖެންޑާ ކުރައްވާނެ ކަަމަށެވެ.