ހުޅުމާލޭގައި ތަރައްގީކުރާ ވަގްފު އިމާރާތް، "ދާރުއްސަލާމް" ހަދައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފިއެވެ.

ބިލްޑް އެންޑް މެއިންޓެނެންސް އުސޫލުން "ދާރުއްސަލާމް" އިމާރާތް ހަދައިދޭނެ ބަޔަކު ހޯދަން ފުރަތަމަ އިއުލާނުކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.

އެ އިއުލާނު ބާތިލުކޮށް އިސްލާމިކް މިނިސްޓްރީން ރޭ ގެޒެޓުކުރި އާ އިއުލާނުގައި ބުނީ، ހުޅުމާލެ ފޭސް-1 ގެ ލޮޓް ނަންބަރު 11646 ގައި ހެދުމަށް ހަމަޖެހިފައިވާ "ދާރުއްސަލާމް" ވަގްފް އިމާރާތުގެ މަސައްކަތް "ބިލްޑް އެންޑް މެއިންޓަނަންސް" އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި އެހެންކަމުން އެކަން ކުރަން ބޭނުންވާ ފަރާތްތަކުން ބީލަން ހުށަހެޅުން އެދޭ ކަމަށެވެ.

އެ ބީލަމުގައި ބައިވެރިވެވޭނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން އިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ރަޖިސްޓަރީ ވެފައިވާ ކެޓަގަރީ GC-01-1 ގެ ފަރާތްތަކަށް ކަމަށްވެސް ބުންޏެވެ.

އެ އިއުލާނުގައި ބުނީ، ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އަންނަ ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން ރަޖިސްޓަރީ ވާން ޖެހޭނެ ކަމަށެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ޖަހާއިރުއެވެ.

އިތުރު މައުލޫމާތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މެއިލް [email protected] އަށް އީމެއިލްކޮށްގެން ހޯދޭނެ ކަމަށްވެސް އިއުލާނުގައި ބުންޏެވެ.

ރާއްޖޭގައި މިވަގުތު ހުރީ އެންމެ ވަގްފު އިމާރާތެކެވެ. އެއީ މާލޭގައި ހުންނަ ދާރުލްއީމާނެވެ. މާފަންނު މަދަރުސާ ޖެހިގެން އޮންނަ ހުސް ބިމުގައި އިމާރާތްކޮށްފައިވާ 10 ބުރީގެ އެ އިމާރާތް ރަސްމީކޮށް ހުޅުވީ 13 ޖެނުއަރީ 2017 ގައެވެ. އެ އިމާރާތުން މިހާރުވެސް އަހަރަކު ހަ މިލިއަން ރުފިޔާ މިސްކިތް ފަންޑަށް ލިބޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.