24 ކެރެޓް ރަނުން ހަދާފައިވާ، 1,088,000 އެމެރިކާ ޑޮލަރު އަގު ހުރި ހެދުމެއް ތައާރަފުކޮށްގެން ސައުދީ އަރަބިއްޔާއިން، ފެޝަންގެ ދުނިޔޭގައި އާ ރެކޯޑެއް ގާއިމުކޮށްފިއެވެ.
"ދުބާއީ ޑްރެސް" ގެ ނަމުން ނަންދީފައިވާ މި ހެދުމަކީ ސައުދީގެ މަޝްހޫރު ރަނާއި ގަހަނާގެ ބްރޭންޑެއް ކަމަށްވާ އަލް ރޮމައިޒާން އިން އުފައްދާފައިވާ ހެދުމެކެވެ.
10 ކިލޯގްރާމަށް ވުރެ ބަރު މި ހެދުމަކީ ދުނިޔޭގެ އެންމެ ބަރު ރަން ހެދުމުގެ ގޮތުގައި ފާހަގަކުރެވޭ ހެދުމެކެވެ. ރީތި އަގުހުރި ހިލަތަކުން ޒީނަތްތެރިކޮށްފައިވާ މި ހެދުމަކީ ފެޝަން އާއި އަތްތެރި މަސައްކަތުގެ މޮޅުކަން ދައްކުވައިދޭ ފުރިހަމަ މިސާލެކެވެ. މި ހެދުމާއެކު ފުރިހަމަ ރަން އެކްސެސަރީސް ސެޓެއް ހިމެނެއެވެ. އެގޮތުން ތާޖަކާއި، ކަންފަތުގަހަނާއެއް، ހާރެއް އަދި "ހިޔަރު" ގެ ނަމުން ނަންދެވިފައިވާ އުނަގަނޑު ގަހަނާއެއް ހިމެނެއެވެ. ހަމައެކަނި ހާރުގެ ބަރުދަން 9 ކިލޯގްރާމާ ގާތްކުރެއެވެ.
"ދުބާއީ ޑްރެސް" ގެ ޑިޒައިންގައި އިމާރާތީގެ އާދަކާދައާއި ސަގާފަތުގެ ވަރަށް ބޮޑު އަސަރު ހިމެނިފައިވެއެވެ. މި ހެދުމުގައި ހުރި ރީތި ކުރެހުންތަކާއި އޮޅުވާލާފައިވާ ޑިޒައިންތަކުން ދައްކުވައިދެނީ ޔޫއޭއީގެ މުއްސަނދި ތަރިކައެވެ. އަތުގައި ލާފައިވާ ރަން ބުރަސްލެޓާއި، ތާޖުގެ ރީތިކަމުން ދައްކުވައިދެނީ މި ފަދަ އާދަޔާހިލާފު އެއްޗެއް އުފެއްދުމުގައި ހަރަކާތްތެރިވި ފަންނާނުންގެ ހުނަރާއި މޮޅުކަމެވެ.
މި ހެދުން އެންމެ ފުރަތަމަ ތައާރަފުކުރީ ޝާރްޖާގައި ބޭއްވި 56 ވަނަ މިޑްލް އީސްޓް ވޮޗް އެންޑް ޖުވެލަރީ ޝޯގައެވެ. މިއީ ސަރަހައްދުގައި ބޭއްވި އެންމެ ބޮޑު ޖުވެލަރީ އިވެންޓެވެ. މި ހެދުން ވަނީ ގީނިސް ވޯލްޑް ރެކޯޑްސް އިން ރަސްމީކޮށް ބަލައިގެންފައެވެ.

ފެޝަން
ފެޝަން
ފެޝަން
ފެޝަން