ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ބިލުތައް ފާސްކުރުމުގައި ފަސްޖެހުމެއް ނާންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ލ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮނަދޫގައި މިރޭ ބޭއްވި ޖަލްސާގައި އެ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ހިންގުމަށް ބޭނުންވާ އެއްވެސް ކަމެއްގައި ކުޑަވެސް ފަސްޖެހުމެއް ނޯންނާނެ ކަމަށެވެ.
ސަރުކާރުން ފޮނުވާ ކޮންމެ ބިލަކީ ގައުމާއި ރައްޔިތުންނަށް އޭގެ ލާބައާއި މަންފާ ލިބޭނެ ބިލެއްކަން ޔަގީންވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިބީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސާލަން ފިސާރި ކެރިގެން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމާ އެ ބިލެއް ފާސްކުރުމުގެ މަޑުޖެހުމެއް ނޯންނާނެ. ފާޑުކިޔާ ބަޔަކު ފާޑުކިޔަންވީ، އެކަމާ ވާހަކަދައްކާ ބަޔަކު ވާހަކަ ދައްކަންވީ. އެކަމަކު ރައްޔިތުންގެ އަގުލަބިއްޔަތު އޮތީ ރައީސް މުއިއްޒާ އެކީގައި. އެހެންވީމާ ރައްޔިތުންގެ އަގުލަބިއްޔަތުން ނިންމާ ނިންމުމަކަށް މައިނޯރިޓީން ޖެހޭނީ ތަބާވާން އެއީ ޑިމޮކްރަސީއަކީ،" އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރުވެގެންދާ އިރު، ތަރައްގީގެ މަޝްރޫއުތައް ވަނީ މެކުހަށް ޖަހާފައި ކަމަށާއި ރާއްޖޭގެ ތާރީހުގައި މިހާތަނަށް ދެކޭނެ އެންމެ ކާމިޔާބު ވެރިކަމަށް ރައީސް މުއިއްޒުގެ ވެރިކަން ވެގެންދާނެ ކަމަށެވެ.
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ