އައްޑޫ ސިޓީގައި ނަގާ ވޯޓުގައި ވަކިވަކި ކައުންސިލުތައް ހެދުމަށް ނިންމައިފި ނަމަ، ގާނޫނުގައިވާ ގޮތަށް އެ ކައުންސިލުތަކަށް ވަކި ބަޖެޓެއްދީ، ބްލޮކް ގްރާންޓު ވެސް ހަމަޖެހިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ލ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އައްޑޫ ސިޓީ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ނަމުގައި ކައުންސިލުތައް އުފައްދަން ފެނޭތޯ އަންނަ ހޮނިހިރު ދުވަހު ނަގާ ވޯޓުގައި ސަރުކާރުން ބޭނުންވާ ވަކި ނަތީޖާއެއް ނެތް ކަމަށެވެ.
އެ ވޯޓާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ކަންކަން އޮޅުވާލުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެ ވޯޓަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެ ރަށްތަކުގެ ރައްޔިތުން ވަކިވަކި ކައުންސިލުތަކެއް އުފައްދަން ބޭނުންވާ ކަމަށް ދަންނަވާފައިވާތީ، ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަށް ރައްޔިތުންގެ ހިޔާލު ހުރިގޮތަށް ބަލަން ނަގާ ވޯޓެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ފަސްދުވަހު ވެފައި އޮތީމަ އަޅުގަނޑު ހަމަ އެކަން ސާފުކޮށްދެނީ ބައެއް ފަރާތްތަކުން މިކަމުގެ ހަގީގަތް އޮޅުވާލުމަށް ބައެއް ކަންކަން ކުރާ ކަމަށް ފާހަގަވާތީއާއެކީގައި. ވަކި ކައުންސިލްތަކެއް އުފެދިއްޖެއްޔާ އެ ކައުންސިލްތަކަށް ކައުންސިލެއްގެ ހުރިހާ ހައިސިއްޔަތެއް ލިބޭނެ، ވަކި ބަޖެޓެއް އަންނާނެ. މިހާރު އޮންނަނީ މުޅި ސިޓީއަށް އެއް ބަޖެޓު،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވަކި ކައުންސިލުތަކެއް އުފައްދަން ނިންމައިފި ނަމަ، އެ ކައުންސިލުތަކަށް ހަމަޖެހިފައިވާ އުސޫލުން ބްލޮކް ގްރާންޓު ވެސް ލިބޭނެ ކަމަށާއި އެގޮތުން ފޭދޫ ކައުންސިލަށް ބްލޮކް ގްރާންޓުގެ ގޮތުގައި ގާތްގަނޑަކަށް 25 މިލިއަން ރުފިޔާ، ހުޅުދޫ ކައުންސިލަށް ގާތްގަނޑަކަށް 13 މިލިއަން ރުފިޔާ އަދި މީދޫ ކައުންސިލަށް ގާތްގަނޑަކަށް 18 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.
ރައީސް އެކަންކަން ސާފުކޮށްދެއްވާފައި މިވަނީ، ވަކިވަކި ކައުންސިލުތައް ހަދައިފިއްޔާ އައްޑޫގެ ތަރައްގީ ހުއްޓޭނެ ކަމަށް ބައެއް ފަރާތްތަކުން ބަނަމުންދަނިކޮށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު