ލ. ކުނަހަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
ލ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުނަހަންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
އެ ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުނަހަންދޫ ކައުންސިލްގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޖުމުލަ 963 މީހުންގެ އާބާދީއެއް ދިރިއުޅޭ ކުނަހަންދޫއަކީ ރަށްގިރުމާއި، އުދަ އެރުމުގެ މައްސަލަތައް ދިމާވަމުން އަންނަ ރަށެކެވެ. އެކަމުގެ ސަބަބުން ރަށުގެ ރުއްގަސްތަކަށާއި މީހުން ދިރިއުޅޭ ގޭގެއަށާއި އަދި ދުއްވާ އުޅަނދުފަހަރަށްވެސް ދަނީ ގެއްލުންތައް ވަމުންނެވެ.
އެމްޓީސީސީން ބުނީ މިއަދު ސޮއިކުރި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، އެ މައްސަލަތަކަށް ބޮޑު ހައްލެއް ލިބުމުގެ އިތުރުން ހިމާޔަތްކުރެވިފައިވާ ރީތި ގޮނޑުދޮށެއް ކުނަހަންދޫގެ ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން، 14,680 ކިއުބިކް މީޓަރުގެ ފަޅު ސަރަހައްދު ފުންކުރުމާއި، 23,120 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 206 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 690 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
ކުނަހަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 36.07 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ