ލ. މާވަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފަށައިފިއެވެ.

އެމްޓީސީސީއާ ހަވަލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ފައްޓަވައިދެއްވީ ރައީސް ޑރ. މުހަންމަދު މުއިއްޒު ލ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މާވަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ.

އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ރިޓަޔާޑް ޑީސީޕީ އަހުމަދު ސައުދީ ބައިވެރިވަޑައިގެންނެވިއެވެ.

މާވަށު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 89,135,016.84 ރުފިޔާގެ އަގަށް 540 ދުވަހުގެ މުއްދަތެއްގައި ނިންމުމަށެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:

ގިރާ ސަރަހައްދުގައި ޖުމުލަ 1،112 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޖެހުން.

200 މީޓަރުގެ ޖިއޯބޭގް ގްރޮއިން ޖެހުން.

524 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޖެހުން.

120 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުން.

ގޮނޑުދޮށް ވެލިން މުއްސަނދިކުރުން.

ރައީސްގެ މި ދަތުރުފުޅުގައި، ލ. އަތޮޅުގެ މީހުން ދިރިއުޅޭ މާވަށުގެ އިތުރުން އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، ، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދުއަށް ވަޑައިގަތުމަށް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ދަތުރުފުޅުގައި، ރައީސް އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.