މީހެއްގެ ސައިކަލެއް ގެންދިޔަ މީހަކު އެއް އަހަރާއި 12 ދުވަހުގެ މުއްދަތަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ހުކުމްކުރީ ގއ. މާމެންދޫ ބިލަތްމާގެ، މުހައްމަދު ފަޒީނަށެވެ.

ދައުލަތުން އޭނާއަށް ދައުވާ ކުރީ މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފަހެއްގެ ކައިރީ ޕާކު ކޮށްފައި ހުއްޓާ ގެއްލުނު ސައިކަލެއް އޭނާ ދުއްވަނިކޮށް ފެނިގެންނެވެ.

ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް އެ ސައިކަލް ފެނިފައިވަނީ މަޖީދީމަގު، ހިރިގާ ކެފޭ ކައިރީ ކަފިހުރަސްމަތީގައި އޭނާ އެ ސައިަކަލް ޕާކު ކުރުމަށްފަހު ދަނިކޮށް ކަމަށާއި ފުލުހުން އޭނާ ހުއްޓުވިއިރު އެ ސައިކަލްގެ ރިމޯޓް ފަޒީނުގެ އަތުން ފެނިފައިވާ ކަމަށް ވެސް ހުކުމްގައިވެއެވެ.

މި މައްސަލައިގެ ޝަރީއަތުގައި އޭނާ ވަނީ ދައުވާއަށް އިއުތިރާފުވެސް ވެފައެވެ.