ރާއްޖޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް، ކ. އަތޮޅުންފެށިގެން އައްޑޫސިޓީއަށް ހުދުސަމާލު ނެރެފިއެވެ.

ހުދު ސަމާލު ނެރެނީ ވައިގަދަވެ، ގުގުރުމާއެކު ބޯކޮށް ވާރޭވެހުމާއި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

މެޓު އޮފީހުން ބުނީ މިއަދުގެ 8:45 އިން 14:30 އަށް ގަޑިއަކު 22 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރާކަމަށެވެ.

މެޓް އޮފީހުން އިތުރަށް ބުނީ މިއަދުގެ ހަވީރު 18:00 އާހަމަޔަށް ރާއްޖޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާއި ހަތް ފޫޓް ހުންނާނެ ކަމަށް ލަފާކުރާކަމަށެވެ.

"ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން. އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އަދި އެެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުގެ ރިކޯޑުތައް ދައްކާގޮތުން މާލެ ސަރަހައްދުގައި އިއްޔެގެ 8:00 އިން މިއަދުގެ 8:00 އަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ހުޅުމާލެއަށެވެ. އެއީ 23.7 މިލިލީޓަރުގެ ވާރެއެވެ. އަތޮޅުތެރޭގެ ރަށްތަކަށް ބަލާއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ލ. ކައްދޫއަށެވެ. އެއީ 23.2 މިލިލީޓަރުގެ ވާރޭއެެވެ.