އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ސެންޓަރު (އައިއެމްސީޓީސީ) އިން ތައުލީމީ މާހައުލުގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭގޮތުން ތަމްރީން ކޯހަކާއެކު ވޯކްޝޮޕެއް ރާއްޖޭގައި ކުރިއަށް ގެންގޮސްފިއެވެ.

"ތައުލީމީ މާހައުލުގައި ހަރުކަށި ފިކުރާ ކުރިމަތިލުން"ގެ ނަމުގައި ބޭއްވި އެ ތަމްރީން ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އަދި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހައްމަދުގެ އިތުރުން ތައުލީމީ އަދި އަސްކަރީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ތައުލީމީ މުޖުތަމައުތަކުގެ ތެރޭގައި މެދުމިނުގެ ސަގާފަތެއް އާލާކުރުމުގެ މަގުސަދުގައި މިއަދު ފެށި އެ ތަމްރީން ކޯހުގައި ތަފާތު ދާއިރާތަކުގެ އިލްމީ ބޭފުޅުންނާއި ޓީޗަރުންނާއި ތައުލީމީ ދާއިރާގެ މާހިރުން ބައިވެރިވެއެވެ.

19 އޮކްޓޯބަރު 2025، ތައުލީމީ މާހައުލުގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭ ތަމްރީން ކޯހެއް އައިއެމްސީޓީސީން ކުރިއަށްގެންދިއުން -- ފޮޓޯ/ އައިއެމްސީޓީސީ

ތަމްރީން ކޯސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޝެހެނާޒް ވަނީ މެދުމިނުގެ މުހިންމުކަމާއި ހައްދުފަހަނައަޅާ ދިއުމުގެ ނުރައްކާތެރިކަމާ މެދު މުޖުތަމައުގެ އެކި ދާއިރާތައް ހޭލުންތެރިކަން އިތުރުކުރުމަށް އައިއެމްސީޓީސީން ކުރަމުންގެންދާ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.

އޭގެ އިތުރުން އައިއެމްސީޓީސީން ބާއްވާ މިފަދަ ތަމްރީން ޕްރޮގްރާމްތަކަކީ ކުޑަކުދިންނާއި ޒުވާނުންނަށް އިސްލާމްދީނާ ގުޅޭ ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމަށް ޓީޗަރުންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް މުހިންމު ޕްރޮގްރާމްތަކަކަށް ވާނެ ކަމަށްވެސް ވިދާޅުވިއެވެ.

19 އޮކްޓޯބަރު 2025، ތައުލީމީ މާހައުލުގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭ ތަމްރީން ކޯހެއް އައިއެމްސީޓީސީން ކުރިއަށްގެންދިއުން -- ފޮޓޯ/ އައިއެމްސީޓީސީ

އައިއެމްސީޓީސީން ބުނީ އެ ތަމްރީން ކޯހާއި ވޯކްޝޮޕުގައި ތައުލީމީ މާހައުލުގައި ހައްދުފަހަނައަޅާދިއުމާ ދެކޮޅަށް މަސައްކަތްކުރުމަށް ޓީޗަރުންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ގާބިލުކަން އިތުރުކުރުމާ ގުޅޭ މުހިންމު ބައިތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ހައްދުފަހަނައަޅާދިއުމަށް މަގުފަހިވާ ކަންކަން, ތައުލީމީ މާހައުލުގައި ހައްދުފަހަނައަޅާދިއުމުގެ ނިޝާންތައް, އެފަދަ މައްސަލަތަކާ ކުރިމަތިލުމުގައި ތައުލީމީ ދާއިރާގެ އެކި ފަރާތްތަކުގެ ދައުރު އަދި ހައްދުފަހަނައަޅާދިއުމުގެ ނިޝާންތަކަށް އަވަހަށް އިޖާބަ ދޭނެ ގޮތްތައް ކިޔައިދޭނެ ކަމަށް އައިއެމްސީޓީސީން ބުންޏެވެ. .

އެ ތަމްރީން ކޯހާއި ވޯކްޝޮޕަކީ ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް މަސައްކަތް ކުރުމާއި މެދުމިނުގެ އުސޫލުތައް ޕްރޮމޯޓް ކުރުމާ ގުޅޭގޮތުން ޓީޗަރުންނާއި ދަރިވަރުން ހޭލުންތެރިކޮށް, ތައުލީމީ ދާއިރާ އާއި ތައުލީމީ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް އައިއެމްސީޓީސީން ރާއްޖޭގައި ހިންގާ "ޕްރިވެންޝަން" އިނީޝިއޭޓިވްގެ ތެރެއިން ކުރިއަށްގެންދިޔަ ޕްރޮގްރާމްތަކެކެވެ.