ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 3,183,040 (3.1) މިލިއަން ސިނގިރޭޓް ސްޓިކް ނައްތާލައިފިއެވެ.

ކަސްޓަމްސްއިން މިއަދު ނައްތާލި 3.1 މިލިއަން ސިނގިރޭޓް ސްޓިކަކީ، 199 ކޭސް ސިނގިރޭޓެވެ.

ކަސްޓަމްސްއިން ބުނީ އެ ތަކެއްޗަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްގެ ބަލައިފާސްކުރުމުގެ ތެރެއިން ހޯދިފައިވާ ތަކެތި ކަމަށެވެ.

އެ ތަކެތި ނައްތާލާފައިވަނީ މިއަދު ކ. ދޫނިދޫގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ.

19 އޮކްޓޯބަރު 2025، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ތިން މިލިއަން ސިނގިރޭޓް ނައްތާލުން -- ފޮޓޯ/ ކަސްޓަމްސް

ކަސްޓަމްސްގެ ބެލުމުގެ ދަށުން ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ނައްތާލި އިރު، ދާދި ފަހުން ވަނީ ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި ހުއްޓައި ވަގަށް ނެގި މައްސަލަ ފެންމަތިވެ، އެ މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފައެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިނގިރޭޓް ކޮންޓެއިނާ ގެއްލުނު މައްސަލައާ ގުޅިގެން އެ އިދާރާގެ މުވައްޒަފަކަށް ތުހުމަތު ކުރެވޭކަން ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. ކަސްޓަމުން ބުނެފައިވަނީ އެކަމުގައި ކަސްޓަމްސްގެ މުވައްޒަފެއްގެ ބައިވެރިވުން ހިމެނޭކަން ފުލުހުންގެ ތަހުގީގަށް ސާބިތުވެއްޖެނަމަ، އެ މުވައްޒަފަކާމެދު ގާނޫނާއި ގަވާއިދުގެ ތެރެއިން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

އެ މައްސަލައިގައި އެމްޕީއެލުން ހަ މުވައްޒަފަކު ސަސްޕެންޑުކޮށްފައިވާ އިރު، ހައްޔަރުކުރި މީހުންގެ ތެރޭގައި ކަސްޓަމްސްގެ އިސް މަގާމެއްގައި މަސައްކަތްކުރާ މީހަކު ހިމެނެއެވެ. އޭގެ އިތުރުން އެމީހުންގެ ތެރޭގައި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒް އަލީ ވެސް ހިމެނެއެވެ. ދެން ހިމެނެނީ ވިޔަފާރިވެރިން ކަމަށްވާ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފާއި އެޕޯލޯގެ ވެރިޔާ ދިގަލި މުހައްމަދު ވަހީދެވެ.

މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި ހަަތަރު މީހުން:

  • އަހުމަދު އާރިފް (61އ)، މއ. އެވާގްލޯރީ
  • މުހައްމަދު ވަހީދު (65އ)، ދިގަލި، ބ. އޭދަފުށި
  • މުއާޒް އަލީ (48އ)، ހ. ނިއު ހެޕިނަސް
  • ޒިވާރް އިސްމާއިލް (40އ)، މެދުރީގެ، ހދ. ވައިކަރަދޫ

އެނގިފައިވާ ގޮތުގައި ގެއްލިފައިވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. އެ ސިނގިރޭޓަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.