ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2025 ގެ ރޭސް ކިޓް ދޫކުރަން ދިރާގުން ފަށައިފިއެވެ.

މިއަހަރުގެ ޑީއެމްއާރްއާރް ބިބް އެކްސްޕޯ ކުރިއަށްދަނީ އަމީނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގެ ތިރީ ފަންގިފިލާގައި ގާއިމުކޮށްފައިވާ ބިބް އެކްސްޕޯ ސެންޓަރުގައެވެ.

ދިރާގުން ބުނީ ބިބް އެކްސްޕޯގައި ދުވުންތެރިންނަށް އެ ފަރާތްތަކުގެ ރޭސް ކިޓް ހަވާލުކުރެވޭނެ ކަމަށާއި މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ތިރީގައި ވަކި ވަގުތުތަކެއްގައި ބައިވެރިންނަށް އެ ފަރާތްތަކުގެ ރޭސް ކިޓް ނެގޭނެ ކަމަށެވެ.

ރޭސް ކިޓް ނެގޭ ވަގުތުތައް:

  • 19 އޮކްޓޯބަރު (މިއަދު) - މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް، އަދި ރޭގަނޑު 8:00 އިން 10:00 އަށް
  • 20 އޮކްޓޯބަރުން 22 އޮކްޓޯބަރަށް- ހެނދުނު 9:00 އިން މެންދުރު 12:00 އަށް، މެންދުރު 2:00 އިން ހަވީރު 6:00 އަށް، އަދި ރޭގަނޑު 8:00 އިން 10:00 އަށް

ދިރާގުން ބުނީ ކޮންމެ ރޭސް ކިޓެއްގައިވެސް ޓައިމިން ޗިޕް ހިމެނިފައިވާ ބިބް، ރޭސް ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެ ކަމަށެވެ. އަދި ވެރިފައިކުރުމުގެ ގޮތުން ރޭސް ކިޓް ހަވާލުވާންދާ ފަރާތުން ދުވުންތެރިޔާގެ އައިޑީ ކާޑާއި ބިބް ނަންބަރު ހުށަހަޅަން ޖެހޭނެ ކަމަށް ދިރާގުން ބުންޏެވެ.

ޑީއެމްއާރްއާރްއަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުމުގެ ހަރަކާތެވެ. އެގޮތުން މިއަހަރު މި ފާހަގަކުރާ މި ރޭހުގެ 16 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ. މިއަހަރުގެ ދުވުމުގައި 4،500 އަށްވުރެ ގިނަ ބައިވެރިން ދުވުމަށް ވަނީ ހަމަޖެހިފައެވެ.

ޑީއެމްއާރްއާރް 2025 އާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: www.dmrr.mv