ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ތަރި، ޝާހުރުކް ޚާންގެ 60 ވަނަ އުފަންދުވަހުގެ ކުރިން، އޭނާގެ ކާމިޔާބު ދިގު ދަތުރު ފާހަގަކުރުމަށް، މަލްޓިޕްލެކްސް ޖަޔަންޓް ޕީވީއާރު އިނޮކްސްއިން ހާއްސަ ފިލްމު ފެސްޓިވަލެއް ބާއްވާނެ ކަމަށް އިއުލާނުކޮށްފިއެވެ.

ޕީވީއާރު އިނޮކްސްއިން ސޯޝަލް މީޑިއާގައި ކުރި މި އިއުލާނުގައި ޝާހަށް ތައުރީފު ކުރުމަށްފަހު ފެސްޓިވަލް ފެށޭ ތާރީހަކީ 31 އޮކްޓޯބަރުގައި ކަމަށް ބުނެފައިވެއެވެ. އެއީ ޝާހުގެ 60 ވަނަ އުފަންދުވަސް ކަމުގައިވާ 2 ނޮވެމްބަރުގެ ކުރީންނެވެ. މި ފެސްޓިވަލް އިންޑިއާގެ 30 ސިޓީއެއްގައި ހުންނަ 75 އަށްވުރެ ގިނަ ސިނަމާގައި ދެ ހަފުތާއަށް ކުރިއަށްދާނެއެވެ.

މި ފެސްޓިވަލްގައި ދައްކާ ފިލްމުތަކުގެ ތެރޭގައި ޝާހުގެ މަޝްހޫރު ގިނަ ފިލްމުތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ކަބީ ހާން ކަބީ ނާ، ދިލް ސޭ، ދޭވްދާސް، މެއި ހޫނ ނާ، އޯމް ޝާންތީ އޯމް، އަދި އެންމެ ފަހުގެ ބޮޑު ކާމިޔާބީއެއް ކަމަށްވާ ޖަވާން ހިމެނެ އެވެ. މި ފިލްމުތަކަކީ ޝާހުގެ ތަފާތު އެކްޓިން ހުނަރާއި، ބޮލީވުޑްގައި އޭނާގެ ހައިސިއްޔަތު ދައްކުވައިދޭ ފިލްމުތަކެކެވެ.

ފިލްމު ފެސްޓިވަލާ ގުޅޭގޮތުން ޝާހު ބުނީ، "ސިނަމާއަކީ އަބަދުވެސް އަހަރެންގެ ގެއެވެ. އަދި މި ފިލްމުތައް ބޮޑު ސްކްރީނަށް އަނބުރާ އައުމަކީ އަލުން ބައްދަލުވުން ކަހަލައެވެ. މި ފިލްމުތަކަކީ ހަމައެކަނި އަހަރެންގެ ވާހަކަތަކެއް ނޫނެވެ - އެއީ 33 އަހަރަށްވުރެ ގިނަ ދުވަހު ލޯބިވެ ބަލައިގަތް މީހުންގެ ފިލްމުތަކެވެ."

ޝާހު މިހާރު މަސައްކަތް ކުރަމުން އަންނަނީ އޭނާގެ ދަރިފުޅު ސުހާނާ އެކު ސިދާތު އާނަންދުގެ ކިންގް ފިލްމުގައެވެ. އަބީޝެކް ބަޗަން އަދި ދީޕިކާ ޕަދުކޯން ވެސް ފެނިގެންދާ މި ފިލްމު 2026 ވަނަ އަހަރު ނެރޭނެ ކަމަށް ވަނީ ބުނެފައެވެ.