ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްވެ އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ރައީސްކަމުގެ މަގާމާއި އެ ޕާޓީގެ އިސް އެހެން މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޕީއެންއެފުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެ ޕާޓީގެ ގައުމީ ޖަލްސާ، މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި އެ ޖަލްސާގައި ޕާޓީގެ ދާއިމީ މެންބަރުން އިންތިހާބުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޕީއެންއެފްގެ ދާއިމީ މަގާމުތަކަށް ޝައުގުވެރިވާ މެންބަރުން މިމަހުގެ 23 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން، ޕާޓީގެ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށް ޕީއެންއެފްގެ އިއުލާނުގައި ބުންޏެވެ.

ޕީއެންއެފްގެ ގައުމީ ޖަލްސާގައި އިންތިހާބުކުރާ މަގާމުތައް، އަދަދުތަކާއެކު:

  • ރައީސް (1)
  • ނައިބު ރައީސް (2)
  • ސެކްރެޓަރީ ޖެނެރަލް (1)
  • ރަޖިސްޓްރާ (1)
  • ހަޒާންދާރު (1)
  • ސެނެޓް މެންބަރު (14)

ޕީއެންއެފް އުފެއްދުމުގެ ހުއްދަ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅެވެ. އީސީން އެ ޕާޓީ ރަޖިސްޓަރީކޮށްދިނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅެވެ. ޕީއެންއެފްގެ ވަގުތީ ރައީސްގެ މަގާމުގައި ހުންނެވީ ރައީސް ޔާމީންގެ ދަރިކަލުން އަދި އެ ޕާޓީގެ މުއައްސިސް ޒެއިން އަބްދުﷲ ޔާމީނެވެ.

ޕީއެންއެފް އުފެއްދުމަށް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހު ބޭއްވި ޖަލްސާގައި ޕީއެންއެފްގެ ރައީސްގެ މަގާމަށް ޒެއިން، ވަގުތީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މަލީހު ޖަމާލް، ވަގުތީ ހަޒާންދާރުގެ މަގާމަށް އަހުމަދު މުސްތަފާ އަދި ވަގުތީ ރަޖިސްޓްރާގެ މަގާމަށް އަލީ ޝިޔާން އިންތިހާބުކުރިއެވެ.

އޭގެ އިތުރުން އެ ޖަލްސާގައި ޕީއެންއެފް ވަގުތީގޮތުން ހިންގާ ކޮމިޓީއަށް ޔާމީން ވަނީ އިންތިހާބުކޮށްފައެވެ. އެ ކޮމިޓީގައި ޔާމީންގެ އިތުރުން ޒެއިން އާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި މަލީހުގެ އިތުރުން 17 މީހަކު ހިމެނިވަޑައިގަންނަވައެވެ.