ޕާކިސްތާނާއި އަފްގާނިސްތާނުން ދޯހާގައި ސުލްހައިގެ ވާހަކަތައް ފަށައިފިއެވެ.

ހަފުތާއެއްހައި ދުވަސް ވާންދެން އަފްގާނިސްތާނާއި ޕާކިސްތާނުން ބޯޑަރު ހިމެނޭ ސަރަހައްދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކުރުމަށްފަހު، އެ ހަމަލާތައް މަޑުޖައްސާލާފައިވާއިރު މިއީ އެ މައްސަލައިގައި ސުލްހަ ވުމަށް ފަށާފައިވާ މަޝްވަރާތަކެކެވެ.

އިއްޔެ ގަތަރުގެ ދޯހާގައި ފެށި މަޝްވަރާތަކުގައި އަފްގާނިސްތާނުގެ ފަރާތުން ބައިވެރިވެފައިވަނީ އެ ގައުމުގެ ޑިފެންސް މިނިސްޓަރު،. މުއްލާ މުހައްމަރު ޔައުގޫބު ހިމެނިވަޑައިގަންނަވާ ޓީމަކުން ކަމަށް އެ ގައުމުން ބުނެއެވެ.

ޕާކިސްތާނުންވެސް އެގައުމުގެ ޑިފެންސް މިނިސްޓަރު ހަވާޖާ މުހައްމަރު އާސިފް ހިމެނިވަޑައިގަންނަވާ ހާއްސަ ޓީމެއް ބައިވެރިވާ ކަމަށް އެ ގައުމުން ބުނެއެވެ.

ދޯހާގައި ކުރާ މަޝްވަރާތަކުގައި ވަނީ ދެ ގައުމު ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ހައްލު ކުރަން އެޅޭނެ ފިޔަވަޅުތައް ބަލައި އަވަހަށް އެކަންކަން ކުރިޔަށް ގެންދިއުން ކަމަށް އޮފިޝަލުން ބުނެއެވެ.

މަޝްވަރާތައް ދިގުދެމިގެންދާނެ ކަމަށް ބެލެވިފައިވާއިރު ދެ ގައުމުން ވެސް ވަނީ އެއްބާރުލުން ދީ ކަންކަން ހަމަމަގަށް އެޅުވުމަށް މަސައްކަތް ކުރާނެ ކަމަށް ފާހަގަކޮށްފައެވެ.