ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލު މިސްރުގެ ފޮރިން މިނިސްޓަރު ޑރ. ބަދުރު އަބްދުލްލަތީ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ދެ ފޮރިން މިނިސްޓަރުން ބައްދަލުކުރެއްވީ ހަލީލު މިހާރު މިސްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތަހްރީރު ޕެލެސްގައެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ރާއްޖެއާއި މިސްރާ ދެމެދު އޮތް ޒަމާންވީ އަހުވަންތަ ގުޅުމުގެ މައްޗަށް ދެ ވަޒީރުންވެސް އަލިއަޅުވާލައްވައި، ދެގައުމުގެ ދެމެދުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާކުރެއްވި ކަމަށެވެ. އަދި ރާއްޖޭގެ އިންސާނީ ވަސީލަތް ބިނާ ކުރުމަށް މިސްރު ސަރުކާރުން ދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، ވަކީން ހާއްސަކޮށް މިސްރުގެ އަލް-އަޒްހަރު ޔުނިވާސިޓީން ފޯރުކޮށްދޭ މަތީ ތައުލީމުގެ ފުރުސަތުތަކަށް ޝުކުރު އަދާކުރެއްވި ކަމަށެވެ.
އަދި އިސްލާމްދީނުގެ މަތިވެރި އަސާސްތަކާ އެއްގޮތް ސަގާފަތެއްގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިގުތިސޯދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ސިއްހީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުންނާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އަދި ދަނޑުވެރިކަމާގުޅޭ ގޮތުން ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އޭގެ އިތުރުންވެސް ދެ ގައުމުގެ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުންދީ ދެ ގައުމުގެ މަސްލަހަތުތައް ކުރިއެރުވުމަށާއި ރާއްޖެއާއި މިސްރާ ދެމެދު ފަރުދުންގެ ފެންވަރުގައި ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ބައިނަލްއަގުވާމީ މަޝްރަހުގައި އަދި ވަކީން ހާއްސަކޮށް ގައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މިސްރުން އިސް ދައުރެއް އަދާކުރި ކަމަށާއި ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖޭން އަބަދުވެސް ތާއީދު ކުރާކަން ހަލީލު ހާމަކުރެއްވި ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި އަދުލުވެރި، ސުލްހަވެރި ހައްލެއް ލިބޭނީ 1967 ގެ ކުރީގެ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމުކުރެވިގެންކަމުގައި ރާއްޖެއިން ދެކޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި ކަމަށެވެ. އަދި ގައްޒާގެ ސުލްހައާ ގުޅޭ ސަމިޓު، އަދި އެއަށްފަހު ސޮއި ކުރެވުނު ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރެވިގެން ދިއުމުގައި މިސްރުން އަދާކުރި ދައުރަށް ރާއްޖޭން ވަނީ މަރުހަބާ ކިޔައިފައެވެ.
އޭގެ އިތުރުންވެސް ބައިނަލްއަގުވާމީ މަންސަތަކުގައި ދެމެހެއްޓެނިވި ތަރައްގީއާއި ސަލާމަތާއި ރައްކާތެރިކަމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭގޮތުން ދެގައުމުގެ ދެމެދު އެއްބާރުލުން ދިނުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުން ނިންމާލާފައިވަނީ ރާއްޖެއާއި މިސްރާ ދެމެދު އޮތް ޒަމާންވީ ގުޅުން ކުރިއަށްއޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަކޮށް ދެ ގައުމުގެ ރައްޔިތުންނަށްވެސް ފައިދާކުރުވަނިވި ގުޅުމަކަށް ހެދުމުގެ ޔަގީންކަން އައުކުރައްވަމުންނެވެ. މި ބައްދަލުވުމަކީ ރާއްޖެއާއި މިސްރާ ދެމެދު އޮތް 56 އަހަރުވީ ބަދަހި ގުޅުން ރަމްޒުކޮށްދޭ، އަދި މި ގުޅުން ދަމަހައްޓަން ދެ ގައުމުންވެސް ދެއްވާ އަހައްމިޔަތު ހާމަވެގެންދިޔަ މުހިންމު ބައްދަލުވުމެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މި ބައްދަލުވުމުގައި މިނިސްޓަރުގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދު އަދި އެޑިޝަނަލް ސެކްރެޓަރީ ހަދީޖާ ނަޖީހާ ބައިވެރިވެވަޑައިގެންނެވިއެވެ.
އާއިޝަތު މާހާ
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް