ކޯލް ޕާމާގެ އުކުޅުވަޅަށް ލިބުނު އަނިޔާއިން އަދިވެސް ރަނގަޅު ނުވާ ކަމަށާއި، އެނބުރި ކުޅުމަށް އަންނަނ އަދިވެސް ހަ ހަފުތާ ބޭނުންވާ ކަމަށް ޗެލްސީގެ ކޯޗު، އެންޒޯ މަރެސްކާ ބުންޏެވެ.

ޕާމާގެ އުކުޅުވަޅަށް ފުރަތަމަ އަނިޔާވެފައި ވަނީ ކްލަބު ވޯލްޑް ކަޕަށްފަހު، ކްލަބުން ކުރިއަށް ގެންދިޔަ ޕްރި ސީޒަނުގައެވެ. އޭރުން ފެށިގެން ޕާމާ އަނިޔާގައި އުޅެފައިވާ އިރު، މިހާތަނަށް ސީޒަނުގައި ޗެލްސީން ކުޅުނު ހަތް މެޗުގެ ތެރެއިން ޕާމާ ފެށީ ތިން މެޗެވެ.

އަނިޔާ ދިގުލައިގެން ގޮސް ތިން ހަފުތާގެ ރެސްޓެއް ދޭން ކޯޗު ކުރިން ނިންމާފައިވާ އިރު، އެފަހަރު ޗެލްސީން ބުނީ އިންޓަނޭޝަނަލް ބްރޭކަށްފަހު ޕާމާ ކުޅުމަށް ނުކުންނާނެ ކަމަށެވެ.

"އަހަންނަށް އޭރު ބުނެވުނީ ގޯސްކޮށް. ނަސީބު ކަން ދިމާކުރި ގޮތުން، ޕާމާއަށް އެނބުރި ކުޅުމަށް ނުކުންނަން ހަ ހަފުތާ އެބަ ބޭނުންވޭ. އަހަރެމެން އަބަދުވެސް މަސައްކަތް ކުރަން ޕާމާއަށް ވީހާވެސް ބޮޑަށް ރައްކާތެރިކަން ދޭން. އެންމެ މުހިއްމު ކަމަކީ އޭނާ އެނބުރި އަންނައިރު، ފުލްކޮށް ފިޓްވެފައި ހުރުން،" ޗެލްސީ ކޯޗު އެންޒޯ މަރެސްކާ ބުންޏެވެ.

މަރެސްކާ ބުނީ މެޑިކަލް ޓީމަކީ ޖާދޫ ހަދާ ބައެއް ނޫން ކަމަށާއި، ކުޅުންތެރިންނަށް ފަރުވާ ދެވޭނީ "ސްޓެޕް ބައި ސްޓެޕް" ކަމަށެވެ. އޭގެ އިތުރުން މަރެސްކާ ބުނީ އަނިޔާއިން ރަނގަޅުވާން ޕާމާ ހުރީ ވަރަށް ހަމަޖެހިލައިގެން ކަމަށެވެ.

މިހަފުތާ ޗެލްސީން ޕްރިމިއާ ލީގުގައި ކުޅޭނީ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށެވެ. އެމެޗުގައި މަރެސްކާއަށް ބެންޗުގައި ނުހުރެވޭނެއެވެ. އެއީ ސަސްޕެންޝަނުގެ ސަބަބުންނެވެ.