ވިޔަފާރިކުރުމަށްޓަކައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑު (އެޗްޑީސީ) އިން އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި އިމާރާތްތަކުގެ ކުލީގެ ގޮތުގައި އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާ ލިބެމުން ނުދާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި ހުށަހަޅާފައިވާ ކަންތައްތައް ތަންފީޒުކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބެލެމަށް އެޗްޑީސީގެ ވެރިން ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ކުއްޔަށް ދޫކޮށްފައިވާ ތަންތަނުން އެޗްޑީސީއަށް ކުލީގެ ފައިސާ ނުލިބޭ މައްސަލަ، 6 ނޮވެމްބަރު 2024 ގައި ކޮމިޓީއަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގެވެ.

އެ މައްސަަތައް ބެލުމަށްފަހު މިދިޔަ އޭޕްރީލް މަހު ކޮމިޓީން އެކުލަވައިލި ރިޕޯޓްގައިވާ ގޮތުން އެކި ފަރާތްތަކުން އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 1.4 ބިލިއަން ރުފިޔާއަށް އަރައެވެ.

އެ ރިޕޯޓްގައި ކޮމިޓީން ފާސްކޮށްފައިވާ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ސަރުކާރުން ބިޔަ ޕްރޮޖެކްޓްތައް ހަވާލުކުރާ ކުންފުނިތަަކަކީ ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފައިސާ ދައްކަން ޖެހި ނުދަައްކައިވާ ފަރާތެއްތޯ ކަށަވަރު ކުރުމަށްފަހު ނޫނީ ސަރުކާރުގެ ޕްރޮޖެކްޓްތައް ހަވާލު ނުކުރެވޭނެ ނިޒާމެއް ބައްޓަން ކުރުމަށް ފިނޭންސް މިނިސްޓްރީއަށް އެންގުން ހިމެނެއެވެ.

އޭގެ އިތުރުން އެޗްޑީސީން ދޫކޮށްފައިވާ ބިންތަކާއި އިމާރާތްތަކުން ލިބެން ޖެހޭ ފައިސާ ހޯދުމަށް ހަރުދަނާ ނިޒާމެއް އެކުލަވާލައި މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން އެޗްޑީސީއަށް އެންގުމަށާއި ފައިސާ ނުދައްކައި ހުރި ފަރާތްތަކުގެ އެސެޓްތަކުގެ އެސްޓިމޭޓެޑް މާކެޓް އަގުތައް ހޯދުމަށްފަހު އެ ތަންތަން ހިފަހައްޓައިގެން ލިބެން ޖެހޭ ފައިސާ ހޯދުމަށާއި އެޗްޑީސީން ހުޅުވާލާ ބިޑްތަކާއި ވިޔަފާރީގެ ފުރުސަތުތަކަށް އެދި ކުރިމަތިލާ ފަރާތްތަކުން އެ ކޯޕަރޭޝަނަށް ނުދައްކާވާ ފައިސާއެއް ވޭތޯ ބަލައި އިވެލުވޭޓް ކުރާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްވެސް އެ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމެނެއެވެ.

އެޗްޑީސީން އަލަށް ހަވާލުކުރާ ޕްރޮޖެކްޓްތައް ނުވަތަ ބިޑަކަށް ކުރިމަތިލާ ފަރާތްތަކީވެސް އެޗްޑީސީއަށް އެއްވެސް ފައިސާއެއް ދައްކަން ޖެހޭ ފަރާތެއްތޯ ކަށަވަރު ކުރުމަށްފަހު ނޫނީ އިތުރު ޕްރޮޖެކްޓްތައް ހަވާލު ނުކުރުމަށް ވެސް ވަނީ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމަނައިފައެވެ.