ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބާ ޓާމިނަލުގެ އޮޕަރޭޝަންސްތައް އަލަށް ހެދި އެ އެއާޕޯޓުގެ އާ ޓާމިނަލަށް ބަދަލުކޮށްފިއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހަނިމާދޫ އެއާޕޯޓަށް މިހާރު ކޯޑް-ސީ ނުވަތަ އެންމެ ބޮޑެތި މަތިންދާބޯޓު ލޭންޑު ކުރެވޭނެ ކަމަށާއި އެ އެއާޕޯޓުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކޮށްފައިވަނީ އިއްޔެ ކަމަށެވެ.

އެމްއޭސީއެލުން މިދިޔަ އަންގާރަ ދުވަހު ބުނެފައިވަނީ މިމަހުގެ ތެރޭގައި ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލް ބޭނުން ކުރާނެ ފަށާނެ ކަމަށާއި މިމަހުގެ ތެރޭގައި އާ ޓާމިނަލް ރަސްމީކޮށް ހުޅުވާނެ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓުގެ ބާ ޓާމިނަލުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކޮށްފައިވަނީ އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިންނެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް އެމްއޭސީއެލުން ވަމުން އަންނަ އިރު، ޓާމިނަލްގެ ހިދުމަތްތަކާއި ޕްރޮސީޖާތައް ތައްޔާރުކުރުމާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމާއި ހުޅުވުމުގެ ކުރިއާއި ފަހަތަށް މުޅި ޓާމިނަލް ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ތައްޔާރުކުރެވިފައިވޭތޯ ކަށަވަރުކުރުމަށް ކުރިއަށްގެންދާ އޮރާޓް ޕްރޮސެސް މިހާރު ވަނީ ފަށައިފައެވެ.