އަންނަ އަހަރު އުތުރު އެމެރިކާގައި އޮންނަ ވޯލްޑް ކަޕަށް ޓިކެޓް ވިއްކަން ފުރަތަމަ ހުޅުވާލި ފުރުސަތުގައިވެސް މިލިއަނަކަށްވުރެ ގިނަ ޓިކެޓް ވިކިފައިވާ ކަމަށް ފީފާއިން ބުނެފިއެވެ.

ފީފާއިން ފުރަތަމަ ޓިކެޓް ވިއްކަން ޕްރި ސޭލްސްއަށް ހުޅުވާލީ ވަކި އަދަދަކަށެވެ. އެފަހަރު ފުރަތަމަ އިއުލާނުކުރީ ވިއްކާނީ މިލިއަން ޓިކެޓް ކަމަށާއި، ފަށާ އަގަކީ 60 ޑޮލަރު ކަމަށެވެ. އެ އަގުގައި ޓިކެޓް ވިއްކަން ފެށި ނަމަވެސް، ޑިމާންޑާ އެއްވަރަށް އަގަށް ބަދަލު ގެންނަން ވިސްނާފައިވާ ކަމަށްވެސް ފީފާއިން ބުނެފައިވެއެވެ. އެއީ އެންމެފަހުން ފީފާއިން ބޭއްވި ކްލަބު ވޯލްޑް ކަޕުގައިވެސް ފީފާއިން އަމަލުކޮށްފައިވޭ އުސޫލެވެ.

ފުރަތަމަ ބުރުގައި ޓިކެޓް ވިއްކާފައި ވަނީވެސް ވިސާ އޮންނަ ފަރާތްތަކަށް އެކަންޏެވެ.

ފީފާއިން ބުނީ ސެޕްޓެމްބަރު މަހު ފުރަތަމަ ހުޅުވާލި ފުރުސަތުގައި 212 ގައުމެއްގެ ރައްޔިތުން ޓިކެޓް ގަނެފައިވާ ކަމަށެވެ. އޭގެ ތެރެއިން ގިނައީ އެމެރިކާއާއި ކެނެޑާ އަދި މެކްސިކޯއަށް ނިސްބަތްވާ ރައްޔިތުންނެވެ. އޭގެ އިތުރުން އިންގްލެންޑާއި ޖަރުމަނާއި ބްރެޒިލް، ސްޕެއިން، ކޮލަމްބިއާ، އާޖެންޓީނާ އަދި ފްރާންސްގެ ސަޕޯޓަރުންވެސް ޕްރި ސޭލްސްގައި ޓިކެޓް ގަނެފައިވާ ކަމަށް ފީފާއިން ބުނެފައިވެއެވެ.

ފީފާއިން އިއްޔެ ބޭއްވި އިވެންޓެއްގައި ރައީސް އިންފަންޓީނޯ ވިދާޅުވީ ޕްރި ސޭލްގެ އެއް މިލިއަން ޓިކެޓް އިއްޔެއާ ހަމައަށް ވިކުމުން ދައްކުވައިދެނީ ވޯލްޑް ކަޕަށް އޮތް ލޯބި ކަމަށެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕަށް މިހާތަނަށް 28 ގައުމަކުން ކޮލިފިކޭޝަން ޔަގީން ކޮށްފައިވެއެވެ. މިފަަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ 48 ގައުމަކުން ވާދަކުރާ ފުރަތަމަ ވޯލްޑް ކަޕަށެވެ. 16 ސިޓީއެއްގައި ހޯސްޓް ކުރާ ވޯލްޑް ކަޕްގައި 104 މެޗު ކުޅެވޭނެއެވެ.

ފީފާއިން ދެން އާއްމުންނަށް ޓިކެޓް ވިއްކަން ހުޅުވާލާނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.