ރާއްޖޭގެ އުތުރުގައި ހަތަރު އެއާޕޯޓު އޮއްވައި، އިތުރު ހަތަރު އެއާޕޯޓު ތަރައްގީކުރާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.

ނަޝީދު މިރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުތުރުގައި އެއާޕޯޓުތައް ހަދަނީ ލޯންޗުގައި 19-36 މިނެޓާ ދޭތެރޭ ދެވޭހާ ކައިރި ކައިރީގައި ކަމަށެވެ. އެކަމުގެ ސަބަބުން ހުރިހާ އެއާޕޯޓެއްގެވެސް އިގުތިސޯދީ ނުވަތަ މާލީ ދެކޮޅުޖެހުމެއް ނޯންނާނެ ކަމަށެވެ.

"ނަތީޖާއަކީ ހުރިހާ އެއާޕޯޓެއްގެވެސް އިގުތިސޯދީ/ މާލީ ދެކޮޅު ޖެހުމެއް ނެތުން، ގައުމީ އެއާލައިންއަށް ދެއުޅިއެއްނުވާ ހަރަދުތަކެއް ހިންގަން ޖެހުން އަދި ލޯކަލް ޓޫރިޒަމްއަށްވެސް ކުރަންވީ މަންފާ ނުކުރުން، ސްޕީޑް ބޯޓުގައި ދެވޭ ހިސާބުގައި އެއާޕޯޓަކަށްފަހު އެއާޕޯޓެއް އަަޅަމުން ދިއުމުން ފެންނާނީ ދަތުރުފަތުރުގެ ގުޅިފައިވާ ނިޒާމެއްގެ އަމާޒާއި ޕްލޭން ނެތްކަމާއި ޒިންމާދާރުކަން ކުޑަކަން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މި މޭރުމުން ވާހަކަދެއްކެވީ މި ހަފުތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ ތިން ރަށެއްގެ އެއާޕޯޓުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާފައިވަނިކޮށެވެ.

އެ ތިން އެއާޕޯޓަކީ ށ. ބިލެތްފަހި އެއާޕޯޓް، ކޮމަންޑޫ އެއާޕޯޓް އަދި މިލަންދޫ އެއާޕޯޓުގެ މަސައްކަތެވެ. އޭގެ އިތުރުން މި އަހަރުގެ ތެރޭގައި ރ. އަލިފުށީ އެއާޕޯޓުގެ މަސައްކަތް ފަށާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ކޮމަންޑޫ އާއި އަލިފުއްޓަކީ ކައިރި ކައިރީގައި އޮންނަ ދެ ރަށެވެ.

ގިނަ އެއާޕޯޓުތަކެއް ހަދާތީ އަމާޒުކުރާ ފާޑުކިޔުންތަކާ ގުޅިގެން ށ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ކޮމަންޑޫގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވެފައިވަނީ، ޓޫރިޒަމް ދާއިރާއަށް އިންވެސްޓަރުންގެ ޝައުގުވެރިކަން އުފެއްދުމަށް ބައެއް ސަރަހައްދުތަކަށް ގިނަ އެއާޕޯޓުތައް ބޭނުންވާ ކަމަށެވެ.