ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި، ހަލާކުވެފައިވާ އަދި ބޭނުން ނުކޮށް ގިނަދުވަސް ވެފައިވާ 716 ވެހިކަލެއް އެބަ އޮތްކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހު ފުލުހުން ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި، ހަލާކުވެފައިވާ އަދި ބޭނުން ނުކޮށް ގިނަދުވަސްވެފައިވާ އުޅަނދުތަކުގެ މައުލޫމާތު އެއްކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.

"މި މަސައްކަތުގެ ތެރެއިން 716 އުޅަނދު ދެނެގަނެވިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ކާރާއި ސައިކަލުގެ އިތުރުން ޕިކަޕް އަދި ވޭން އެވެ. މި މައުލޫމާތު މިހާރުވަނީ ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށްފައެވެ." ފުލުހުން ބުންޏެވެ.

އެ މައުލޫމާތު އެއްކުރުމުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)، ޓްރާންސްޕޯޓް މިނިސްޓްރީވެސް ބައިވެރިވިކަމަށް ފުލުހުން ބުންޏެވެ.