ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ޖެހުން ހައްލުކުރުމަށް، ރާއްޖޭގެ ހޮސްޕިޓަލުތަކުގައި އާ އޮޕަރޭޝަންތައް ކުރެވޭނެ ގޮތް ހެދުމަށް އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން މަސައްކަތްތައް ކުރެވިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ށ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފުނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ބޭސްފަރުވާއަށް ދާންޖެހެނީ މަޖުބޫރުވެގެން ކަމަށާއި މިދިޔަ އެތައް އަހަރެއްތެރޭ އެކަމަށް ހައްލު ގެނައުމަށް ކުރީ ސަރުކާރުތަކަށް މަސައްކަތްތައް ކޮށްދެވިފައިނުވާ ކަމަށެވެ.

"ރާއްޖެއިން ބޭރުން ހަދަން މިދާ އެކިކަހަލަ ޓެސްޓުތަކާއި އޮޕަރޭޝަންތަކަށް ހަދަން ދާން ނުޖެހޭ ގޮތަށް ރާއްޖޭގެ ހޮސްޕިޓަލްތަކުގައި އެ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތަށް ވެސް ބޮޑު ހަރަދެއް، ބޮޑު އިންސައްތައެއް ބަޖެޓުން މިއަންނަ އަހަރު ހިމެނިގެންދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި މާލެ ސަރަހައްދާއި ރީޖަނަލް ހޮސްޕިޓަލުތައް އަދި ރަށްރަށުގައި އެކި ތަރުތީބުތަކުން ތަރުތީބުކޮށްގެން ސިއްހީ ހިދުމަތަށް މިހާތަނަށް ނުކުރާހާ ގިނަ މަސައްކަތް މި ސަރުކާރުން ފަށައިގެން ކުރިއަށްގެންދާ ކަމަށެވެ. އަދި ޕަބްލިކް ހެލްތުކެއާ އާއި ޕްރިވެންޓިވް ހެލްތުކެއާއަށް އަންނަ އަހަރުގެ ބަޖެޓުގައި ބޮޑު އިސްކަމެއްދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އާ މަޝްރޫއުތަކަށް ތިން ބިލިއަން ރުފިޔާ ހިމެނޭނެ ކަމަށާއި އޭގެ ތެރެއިން މަދުވެގެން 500 މިލިއަން ރުފިޔާ ތައުލީމީ ދާއިރާއަށް، އަދި މަދުވެގެން 500 މިލިއަން ރުފިޔާ ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް ހާއްސަކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.