ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގެ ނިޒާމު ފުރިހަމަކުރުމަށް އަންނަ އަހަރު ހާއްސަ މަޝްރޫއެއް ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ށ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފުނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ކުރީ ސަރުކާރުތަކުން މަސައްކަތްކޮށްފައިނުވާ ކަމަށާއި އެ ނިޒާމު ފުރިހަމަކޮށްދެވިފައިނުވާ ކަމަށެވެ.

ރާއްޖޭގައި ކޮންމެ ރަށެއްގައިވެސް އެފަދަ ކުދިން ތިބި ކަމަށްވަންޏާ އެކަން ހަމަޖައްސައިދޭން އެ ނިޒާމު ގާއިމުކޮށްދިނުމަށް ބަޖެޓުގެ ތެރޭގައި ހިމަނާނެ ކަމަށާއި އެގޮތުން އެ ކުދިންނަށް ކުލާސްރޫމްތައް ހަދައި، ޓީޗަރުން ތަމްރީނުކުރުމަށް ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން މި އަންނަ އަހަރު ބަޖެޓުގައި މިހާތަނަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދެވޭ މިންވަރަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް އިންކްލޫސިވް ކްލާސްރޫމް ގާއިމުކުރުމަށްޓަކައި ހުރިހާ ސްކޫލެއްގައި ވެސް އިންކްލޫސިވް ކްލާސްރޫމް ގާއިމުކުރުމަށް މަޝްރޫއެއް އެބަ ހިމަނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ރައްޔިތެއްގެ ކިބައިގައި ހުންނަ ސިފައެއް، ހުންނަ އުނިކަމަކީ ހިދުމަތްދިނުމުގައި ތަފާތުވެގެން ވާނެ ކަމެއް ނޫން ކަމަށާއި ހުރިހާ ރައްޔިތުންނަށް ވެސް އަދުލުވެރިވާންވާނެ ކަމަށެވެ. އަދި ވޮކޭޝަނަލް ހައިސްކޫލެއް ހަދައި، އަންނަ އަހަރު އޭ ލެވަލް ފުޅާކުރުމަށް ވެސް ހާއްސަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އާ މަޝްރޫއުތަކަށް ތިން ބިލިއަން ރުފިޔާ ހިމެނޭނެ ކަމަށާއި އޭގެ ތެރެއިން މަދުވެގެން 500 މިލިއަން ރުފިޔާ ތައުލީމީ ދާއިރާއަށް، އަދި މަދުވެގެން 500 މިލިއަން ރުފިޔާ ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް ހާއްސަކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.