އެސްޓީއޯއިން އަސާސީ ކަބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތް މިއަދު ވިއްކަން ފަށައިފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮއަގެއްގައި އާންމު ރައްޔިތުންނަށް ލިބެން ހުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އިތުރު ކުރެވިގެން ދިޔަ 23 ބާވަތް، މިއަދުން ފަށައިގެން ބާޒާރަށް ނެރެ ވިއްކަން ފަށާފައިވާ ކަމަށެވެ.

އެ ހުރިހާ ބާވަތެއް އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސުން ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

މިހާރު ބާޒާރަށް ނެރެ ވިއްކަން ފަށާފައިވާ 23 ބާވަތަކީ ދޮންކެޔޮ، ފިޔާ، އާފަލު، އިނގުރު، އޮރެންޖު، ކެރެޓު، ލުނބޯ، ބަށި، ޖުމްހޫރީމޭވާ، ކައްޓަލަ، އަނބު، އަލުވި، ފަޅޯ، ކެބެޖު، ކަރާ، ބަރަބޯ، މިރުސް، ބޯވެލި، މޭބިސްކަދުރު އަދި ލޮނުމެދެވެ.

އެސްޓީއޯއިން އިތުރު ތިން ބާވަތެއްގެ ކާބޯތަކެތި ވެސް ވިއްކަމުންދެއެވެ. އެއީ ރީނދޫ މުގު، ކުކުޅު ބިސް އަދި ކާއްޓެވެ.

15 އޮކްޓޯބަރު 2025، އަސާސީ ކަބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތް އެސްޓީއޯއިން ވިއްކަން ފެށުން -- ފޮޓޯ/ އެސްޓީއޯ

އެސްޓީއޯއިން ބުނީ އަސާސީ ކާބޯތަކެތީގެ އެ 23 ބާވަތުގެ އަގު މިވަގުތު ކަނޑައަޅާފައިވާނީ ބާޒާރުގެ އަގުތަކަށް ރިއާޔަތްކޮށްގެން ކަމަށާއި އަންނަ ބަދަލުތަކާއެކު ވިއްކާ އަގުތަކަށްވެސް ބަދަލު ގެނެވޭނެ ކަމަށެވެ. އަދި އެސްޓީއޯއިން ވިއްކާ އެންމެ ފަހުގެ އަގުތައް އިކޮނޮމިކް މިނިސްޓްރީގެ "އަގުމަގު" ޕޯޓަލް މެދުވެރިކޮށް ބެލެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހަމަ އެއާއެކު، ބާޒާރުގައި އެ ކާބޯތަކެއްޗަށް އޮންނަ ޑިމާންޑަށް ބަލައި އެ ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން އެސްޓީއޯއަށް އިތުރަށް ކުރެވޭނެ ކަންކަމާ މެދު ދަނީ މަޝްވަރާކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯގެ އަމާޒަކީ ސިއްހަތަށް ފައިދާހުރި ކާބޯތަކެތި އެކަށޭނަ އަގެއްގައި އަބަދުވެސް ރައްޔިތުންނަށް ލިބެން ހުރުން ކަމަށް އެ ކުންފުނިން ބުނެއެވެ.

މިިދިޔަ މަހުގެ ދިހަވަނަ ދުވަހު ކެބިނެޓުން ވަނީ، ކާޑުގެ ބާވަތްތަކާއި ދިހަ ބާވަތެއްގެ މޭވާ އަދި ދިހަ ބާވަތެއްގެ ތަރުކާރީގެ ބާވަތްތައް އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ވިއްކަން ފެށުމަށް ނިންމައިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި އެ ދުވަހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކެބިނެޓުގެ އެ ނިންމުމަކީ ރާއްޖޭގައި ފުޑް ސެކިއުރިޓީ ގާއިމުކުރުމަށް މެނިފެސްޓޯގައި އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ.

އެގޮތުން ރާއްޖޭގައި ޒަމާނުއްސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެ މޭވާ އާއި ދިހަ ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު ނިންމާފައިވެއެވެ.