ށ. ނަރުދޫންން ގޯތި ދޫކުރަން ސަރުކާރުން ދޭން ޖެހޭ ހުއްދަތަކެއް ދޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް ޑރ. މުއިއްޒު، މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ނަރޫދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީގެ މަޝްރޫއާއި އެހެނިހެން ކަންކަން ކޮށްދިނުން ކަމަށެވެ.
"ގޯތި ދިނުމުގެ ކަންތައްވެސް، ރަށުގެ ގޯތި އިތުރަށް ދޭން ބޭނުންވާ ކަންތައްތަކަށްވެސް މިހާރު ކައުންސިލުން ހުށަހަޅާފަ އޮތް ކަންތައް މިނިސްޓްރީން ބައްލަވާ އެ ހުއްދަވެސް ދެއްވާނެ. އެހެންވީމާ ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް ބޭނުންވާ މިކަހަލަ ހުރިހާ ކަމެއްގަ ރައްޔިތުންނަށް ކަންތައްތައް ފަހިކޮށްދޭން" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ނަރުދޫ ބަނދަރު ތަރައްގީ ކޮށްދޭން ކަމަށެވެ. ރައީސް ވިދާޅުވީ ނަރުދޫ ރައްޔިތުންނަށް ރައްކާތެރި ބަނދަރެއް ސަރުކާރުން ހޯދައިދޭނެ ކަމަށެވެ. އެކަމާ ގުޅޭ އެއްވެސް މާލީ ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށެވެ. ބަނދަރުގެ ޑިޒައިނާ އެއްގޮތަށް ބަޖެޓް ހަމަޖެއްސުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކުރާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ބަނދަރު ފުޅާކުރެވެން އޮތް އެންމެ ބޮޑަކަށް ފުޅާކުރަން ކޮންސްޓްރަކްޝަން މިނިސްޓްރީއަށް، އެ މަނިކުފާނުވަނީ ހުއްދަ ދެއްވައިފައި ކަމަށާއި އެ މިނިސްޓްރީން މިހާރު ކުރަމުން އަންނަނީ އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުންފަދަ ކަންކަންކަމަށް ރައީސް ވިދާޅުވިއެވެ. ބަނދަރުގައި ޖަހާ ރިވެޓްމެންޓް ނުވަތަ ބްރޭކް ވޯޓާގެ ސަބަބުން ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރު ދެނެގަތުން މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.
ހަތަރު ކްލާސްރޫމް އަދި މަލްޓިޕާޕަސް ހޯލް ހިމެނޭހެން އިމާރަތްކުރާ ރަށުގެ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް މިމަސް ނިމުމުގެކުރިން ބަޔަކާ ހަވާލުކޮށް މިއަހަރުގެ ތެރޭގައި އެ މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރަށުގެ ފުޓްބޯޅަ ދަނޑު ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން މިހާރު ގެޒެޓުކޮށްފައިވާ ކަމަށާއި މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. ފުޓްސަލް ދަނޑު މަރާމާތު ކުރުމުގެ މަސައްކަތާއި ހޭންޑްބޯލް ކޯޓު ހެދުމުގެ މަސައްކަތް މިއަންނަ އަހަރު ރަށުގައި ކުރިއަށް ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. މިއަހަރު އެ ދެކަންތައްވެސް ކުރިއަށް ނުގެންދެވެނީ ބަޖެޓުގައި ހިމަނައިފައި ނެތުމުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ނަރޫދޫ ހެލްތު ސެންޓަރުގެ ވޯޑު އަދި ލެބޯޓަރީގެ މަސައްކަތް މިއަންނަ އަހަރުގެ ތެރޭގައި ނިމެނޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަޝްރޫއު ނިމެންވާއިރަށް ހެލްތު ސެންޓަރަށް ބޭނުންވާ މުވައްޒަފުން ހޯދަން މިއަންނަ އަހަރުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ނަރުދޫ ސިއްހީ މަރުކަޒަކީ 16 ގަޑިއިރު ހިދުމަތް ދެމުން އަންނަ ތަނަކަށް ބަދަލުކުރުންކަމަށް އެ މަނިކުފަނު ވިދާޅުވިއެވެ.
ރަށުގެ ނަރުދަމާގެ މަސައްކަތް މިހާރު ވަނީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައި ކަަމަށާއި ފެނަކައިން މިހާރު އަންނަނީ ނަރުދަމާގެ މަސައްކަތް އަލުން ފެށުމުގެ ތައްޔާރީތައް ވަމުންކަމަށް ރައީސް ވިދާޅުވިއެވެ. މިއަންނަ މަހުގެ ތެރޭގައި އެ މަސައްކަތް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރަށުގެ ކައުންސިލް އިމާރާތް ހެދުމުގެ މަސައްކަތްވެސް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު