ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި ހުއްޓައި ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފާއި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ ދިގަލި މުހައްމަދު ވަހީދު ހިމެނޭކަން އެނގިއްޖެއެވެ.
އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން އެ ދެ ކޮންޓެއިންނަރު ތެރޭގައި ހުރި ސިނގިރޭޓް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހެއް ފުރުން މަނާކުރެވި، ބައެއް އުޅަނދުތަކާއި ތަންތަން ބަލައިފާސްކުރެވިފައިވާ ކަމަށެވެ.
"މި މައްސަލައާ ގުޅިގެން، އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު މިރޭ ވަނީ ހައްޔަރުކުރެވިފައެވެ..،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ދެ ވިޔަފާރިވެރިޔަކާއި ކަސްޓަމްސްގެ އިސް ދެ މުވައްޒަފަކު ހިމެނޭ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއް މިރޭ ވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރީ ވިޔަފާރިވެރިން ކަމަށްވާ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފާއި އެޕޯލޯގެ ވެރިޔާ ދިގަލި މުހައްމަދު ވަހީދުގެ އިތުރުން ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް، މުއާޒް އަލީ އަދި ކަސްޓަމްސްގެ ސީނިއާ އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއީލެވެ.
އެނގިފައިވާ ގޮތުގައި ގެއްލިފައިވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. އެ ސިނގިރޭޓަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.
އެ ދެ ކޮންޓެއިނަރު ގެއްލިފައިވަނީ ކަސްޓަމްސްއިން ހިފެހެއްޓުމަށް ފަހު ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓާފައި ހުއްޓައެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން، ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒަކީ މީގެ ކުރިން ވެސް އެފަދަ އެހެން މައްސަލައެއްގައި 2019 ވަނަ އަހަރު ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރި މީހެކެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ މުއާޒް، ރިޝްވަތަށް އެދިފައިވާ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި މިދިޔަ ހަފުތާގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފައެވެ.
އެ މައްސަލައަކީ 2018 ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް ކަސްޓަމްސްގެ ހުޅުމާލޭ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓުމަށްފަހު، އެ ކޭސްތަކުގެ ތެރެއިން 430 ސިނގިރޭޓް ކޭސް ރީ-އެކްސްޕޯޓްކުރުމަށް ފުރިހަމަކުރަން ޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް ހުޅުމާލޭ ބޮންޑެޑް ވެއާހައުސްއިން ދޫކޮށްފައިވީ ނަމަވެސް، އެ ސިނގިރޭޓް ކޭސްތައް ރީ-އެކްސްޕޯޓްކޮށްފައި ނުވާތީ، ކަސްޓަމްސްއިން ބަލަމުންދިޔަ މައްސަލައެކެވެ.
އޭސީސީން މިދިޔަ އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކަސްޓަމްސްއިން ބަލަމުންދިޔަ އެ މައްސަލަ، އެ ކުންފުންޏަށް ފަހިވާ ގޮތަށް ނިންމުމުގެ މުގާބިލުގައި އެ އަމިއްލަ ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން މުއާޒް އަލީ ރިޝްވަތަށް އެދިފައިވާކަން ތަހުގީގުން ހޯދިފައިވާ ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ނަމެއް އޭސީސީން އާންމުކޮށްފައެއް ނުވެއެވެ.
އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން އެނގި ހުރެގެން މަންފާއަކަށް އެދުމާއި، ގަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ގަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދައުވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް