އުރީދޫ ފިންޓެކްއާ ގުޅިގެން ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފެށުމުގެ އިންތިޒާމުތައް ހަމަޖައްސައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕޭޕަލްއާއެކު ރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ފިންޓެކް ގުޅިގެން ޕޭޕަލްގެ ހިދުމަތް ތައާރަފުކުރުމަށް ހަމަޖެހިގެންދިއުމަކީ، ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގެ އިގުތިސާދަށް ތަރައްގީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ މައި އެއް ލަނޑުދަނޑި ހާސިލުވުން ކަމަށެވެ.

ދިވެހި ފަންނުވެރިން ކުރިއަރުވައި، ޑިޖިޓަލް އަދި ކުރިއޭޓިވް އިކޮނޮމީގެ ޒަރިއްޔާއިން އިގުތިސާދުގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އަމާޒު ކަމަށެވެ.

"މިގޮތުން ދިވެހިރާއްޖޭގެ ތާރީހުގައި މުޅިން އަލަށް ފަށާ މި މުހިންމު ހިދުމަތަކީ، ފައިސާގެ މުއާމަލާތްތައް ކުރާ ޒަމާނީ އަދި ލުއިފަސޭހަ ވަސީލަތްތައް ތަޢާރަފުކުރުމާއި، ރާއްޖޭގައި ބޭނުންކުރަމުންދާ ޑިޖިޓަލް ވޮލެޓްގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ދުނިޔޭގައި ފައިސާގެ މުއާމަލާތްތައް ކުރެވޭ ޑިޖިޓަލް މަންސަތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިދުމަތްތައް ދިވެހިރާއްޖެއިން ލިބޭނެ ގޮތަށް މަގުފަހިކޮށްދިނުމަށް މި ސަރުކާރުން ވެފައިވާ ވައުދު ފުއްދުމެވެ..،" މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެކަމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި، ކޮންޓެންޓް ކުރިއޭޓަރުންނަށް ދުނިޔޭގެ ޑިޖިޓަލް އިގުތިސާދުގައި ހަރަކާތްތެރިވުމަށް ފުރުސަތު ފަހިވާނެ ކަމަށެވެ.

އެފަދަ ހިދުމަތްތައް ގައުމުތަކުގައި ފަށައިގަތުމަށް ފުރިހަމަކުރަން ޖެހޭ ކަންކަން ގިނަކަމާއި، ފަންނީ އަދި މާލީ މިފަދަ ޒަމާނީ މުއާމަލާތްތައް ކުރުމުގައި ރާއްޖެ ފަދަ ގައުމުތަކަށް ޒަމާނުއްސުރެ ކުރިމަތިވެފައި ހުރި ދަތިތަކުން އަރައިގަނެ މިފަދަ ބައިނަލްއަގުވާމީ ހިދުމަތްތައް ރާއްޖޭގައި ފަށައިގަތުމަށް މި ސަރުކާރުން ނުހަނު ބޮޑު އިސްކަމެއްދީ، އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވެ، އެ ހުރަސްތައް ކަނޑައްތުކޮށްފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

"މި ހިދުމަތް ތައާރަފުކުރުމަށްޓަކައި ޕޭޕަލް އަދި ކަމާގުޅޭ ފަރާތްތަކާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވަނީ ކުރެވިފައެވެ. އެހެންކަމުން، ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެށިގެންދިއުމަކީ، މާލީ ނިޒާމު ހަރުދަނާ ކުރުމަށާއި، އަދި އީޖާދީ، ޑިޖިޓަލް ހައްލުތައް ހޯދޭނެ ފަދަ މާލީ މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ..،" މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ވަނީ ޕޭޕަލް، އުރީދޫ ފިންޓެކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި އެ މަސައްކަތް ކާމިޔާބުކުރުމުގައި އެ މިނިސްޓްރީއާއެކު މަސައްކަތްކުރި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ އެންމެން ޝާމިލުވާ، ގުޅިލާމެހިފައިވާ ޑިޖިޓަލް އިގުތިސާދެއް ގާއިމުކުރުމަށްޓަކައި ރާއްޖެއިން ކުރާ މި ދަތުރުގައި މާލީގޮތުން އެންމެ މަގުބޫލު އަދި އެންމެ ފެންވަރު ރަނގަޅު ޓެކްނޮލޮޖީގެ މިނޫން އިތުރު ވަސީލަތްތަކާއި ހިދުމަތްތައް ރާއްޖެއަށް ތައާރަފުކުރުމަށްވެސް ސަރުކާރުން އަބަދުމެ އިސްކަންދެމުން ގެންދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ރާއްޖޭގައި ޕޭޕަލް ބޭނުންކުރެވޭ ގޮތް ހަދައިދިނުމަށް މަސައްކަތްކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.